ޖިނާއީ ކުށެއްގެ ތުހުމަތުގައި ގދ. ހޯޑެއްދޫ އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މަރުވެއްޖެ އެވެ.
ފުލުހުން މިރޭ ބުނީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު، މެޔަށް ތަދެއް އަރައި ފިޓްޖެހުން ފަދަ އަލާމާތްތަކެއް ފެނިގެން އޭނާ ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށެވެ. އެތަނަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދެއްވާފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި މީހާ ފަރުވާއަށް ގެންދިޔައީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގަ އެވެ. އަދި މި ލޯންޗުގައި އާންމުވެސް ތިބި ކަމަށް ފުލުހުން ބުނެ އެވެ.
މަރުވެފައިވަނީ އަބްދުﷲ ރަޝީދު ކިޔާ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުވާތަކެއްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ.
މި މީހާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ފުލުހުން ވަނީ ނިންމާފަ އެވެ.
"މިހާދިސާއާ ގުޅޭ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށް، ތަހުގީގުކޮށްދެއްވުމަށް ވާނެ އެދިފައި،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެ އެވެ.
މަރުވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އަނިޔާކުރި ކަމަށް ބުނެ ހޯޑެއްދޫއާއި މަޑަވެލީގައިވެސް މިރޭ ބަޔަކު މުޒާހަރާ ކޮށްފައިވެ އެވެ.
އަވަސް އަށް މައުލޫމާތު ދިން ހޯޑެއްދޫގެ ބައެއް އާންމުން ބުނާ ގޮތުގައި މަރުވި މީހާއާ އެކު އިތުރު ދެ މީހަކު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރި އެވެ. އަދި މަރުވި މީހާ ހައްޔަރުކުރި ވަގުތު މެއަށް ތަދެއް އަރާ ކަމަށް ފުލުހުން ކައިރީ ބުނި ކަމަށެވެ. އެހެންވެ މި މީހާ މަރުވީ ފަރުވާ ދިނުން ލަސްކުރުމުން ކަމަށް ހޯޑެއްދޫގެ ބައެއް މީހުން ތުހުމަތުކުރެ އެވެ.