ގދ. މަޑަވެއްޔާއި ގދ. ހޯޑެއްދޫ ގުޅާލުމަށް ހަދާފައިވާ ކޯޒްވޭ އަނެއްކާވެސް ކަނޑާލައިފި އެވެ.
މަޑަވެލި ބައެއް ކައުންސިލަރުން ތުހުމަތުކުރައްވާ ގޮތުގައި މިއީ ހޯޑެއްދޫގެ ބަޔަކު ރޭ ދަންވަރުގެ ވަގުތެއްގައި ކޮށްފައިވާ ކަމެކެވެ. ނަމަވެސް ހޯޑެއްދޫގެ ބައެއް ކައުންސިލަރުން ވިދާޅުވާ ގޮތުގައި މިއީ މަޑަވެލި ބަޔަކު ކުރި ކަމެކެވެ.
މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުމަށް ހަދާފައިވާ ކޯޒްވޭ މީގެ ކުރިންވެސް ދެ ފަހަރު ކަނޑާލި އެވެ. ފުރަތަމަ ކަނޑާލީ 2018 ވަނަ އަހަރު އެވެ. ދެވަނަ ފަހަރަށް ކޯޒްވޭ ކަނޑާލީ މިދިޔަ އަހަރު އޮގަސްޓް މަހު އެވެ.
ދެ ރަށުގެ ރައްޔިތުން ނިކުމެ ކޯޒްވޭ ކަނޑާލަނީ އެ ކޯޒްވޭ މިހާރު ހަދާފައިވާ ގޮތުން ދެ ރަށަށް އުދަ އަރާ ލިބޭ ގެއްލުން ބޮޑު ކަމުންނާއި ތިމާވެށްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެސް ލިބޭ ކަމަށް ބުނެ އެވެ.
ކޯޒްވޭ ކަނޑާލާ ކޮންމެ ފަހަރަކު އެކަން ރަނގަޅުކޮށް އާންމު ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތް ހެދުމަށް ސަރުކާރުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރެ އެވެ. ރައްޔިތުންގެ ތެރެއިން ބަޔަކު ކުރާ މިފަދަ ކަމެއްގެ ސަބަބުން ދައުލަތުގެ ބަޖެޓުން އެކަން ހައްލުކުރަންޖެހޭތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައެއް މެންބަރުން އެކަމާ ހިތްހަމަނުޖެހިގެން ވެސް ވާހަކަދައްކަވާފައިވެ އެވެ.
ކޯޒްވޭގެ ސަބަބުން އުދައަރާ މައްސަލަ ހައްލުކުރަން އޮއި ދެމޭ ގޮތަށް ކޯޒްވޭ އަލުން ހެދުމަށް މިދިޔަ އަހަރު އޮކްޓޫބަރު ސަރުކާރުން ވަނީ އެމްޓީސީީސީއާ އެ މަޝްރޫއު ހަވާލުކޮށްފަ އެވެ. ދައުލަތުގެ ބަޖެޓުން 82 މިލިއަން ރުފިޔާ ހަރަދު ކުރާ ގޮތަށް 10 މަސް ތެރޭގައި މަސައްކަތް ނިންމަން ޝަރުތު ކުރި ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް އަދި ފެށިފައެއް ނުވެ އެވެ.