އެމްއޭސީއެލް

އެމްއޭސީއެލްގެ ޑިއުޓީ ފްރީއަށް ބައިނަލްއަގުވާމީ އެވޯޑެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިއުޓީ ފްރީއަށް "ޓްރެވަލް ރީޓޭލް ސުޕަސްޓާ" އެވޯޑް ލިބިއްޖެ އެވެ.

އެމްއޭސީއެލްގެ ޑިއުޓީ ފްރީއަށް އެ އެވޯޑް ލިބުނީ މިމަހުގެ 11 އިން 15 އަށް ވާޗުއަލްކޮށް ބޭއްވި ޓްރެވަލް ރީޓެއިލް ސުޕަސްޓާ އެވޯޑް ހަފްލާގަ އެވެ.

މިއީ ޓްރެވަލް އަދި ރީޓެއިލް އިންޑަސްޓްރީގައި ހަަރަކާތްތެރިވާ މަލްޓި މީޑިއާ ޕަބްލިޝިން ޕްލެޓްފޯމެއް ކަމަށްވާ "މޫޑީ ޑެވިޓް ރިޕޯޓް" އިން ދިން އެވޯޑެކެވެ.

އެ އެވޯޑުގައި ހިމެނޭ އިތުރު ތިން ކެޓަގަރީއަކަށް ވެސް އެމްއޭސީއެލް އިން ނޮމިނޭޝަން ހުށަހެޅި އެވެ. އޭގެ ތެރޭގައި ސްޓާ ޓީމް އޭޝިއާ ޕެސިފިކް ލޮޖިސްޓިކްސް/ ވެއާ ހައުސް، ޝޮޕް ފްލޯ - ކަސްޓަމާ ފޭސިން އަދި ސްޓާ އިންޑިވިޖުއަލް އޭޝިއާ ޕެސިފިކް - ބެކް އޮފީސް އެންޑް މާކެންޑައިޒިން ކެޓަގަރީ ހިމެނެ އެވެ.

އެމްއޭސީއެލްއާ އެކު ޔޫއޭއީ، އިނގިރޭސިވިލާތް، ސިންގަޕޫރުގެ ކުންފުނިތަކަށް ވެސް މި ހަފްލާގައި އެކި ކެޓަގަރީތަކުން އެވޯޑް ލިބުނެވެ.

އެމްއޭސީއެލްއިން ހިންގާ ޑިއުޓީ ފްރީ ޝޮޕްތަކުގައި ދުނިޔޭގެ ނަން މަޝްހޫރު އެކި ބްރޭންޑްގެ ޕްރޮޑަކްޓްތައް ލިބެން ހުރެ އެވެ. އަދި އިތުރު ބްރޭންޑްތައް ވެސް ތައާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.