ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހާއި މައުމޫން ދުބާއީގައި ބައްދަލުކުރައްވައިފި

Oct 28, 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން ކުރިއަށް ދިޔައީ ޔުނައިޓެޑް އަރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގަ އެވެ.

ދެ ބޭފުޅުން މިއަދު ބައްދަލުކުރެއްވީ ދުބާއީގައި ރައީސް ސޯލިހު ހުންނަވާ ހޮޓެލްގަ އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ އެއް ޕާޓީ، އެމްއެމްއާރްގެ ޒައީމުގެ ގޮތުގައި ހުންނެވި ރައީސް މައުމޫނާއި ރައީސް ސޯލިހުގެ ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ރައީސް މައުމޫން ދުބާއީ އަށް ވަޑައިގެން އުޅުއްވަނީ އަމިއްލަ ދަތުރުފުޅެއްގަ އެވެ. ރައީސް ސޯލިހު ދުބާއީ އަށް ވަޑައިގެންނެވީ ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ.

ކޮޕް 26 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް ސޯލިހު ދުބާއީން ވަޑައިގަންނަވާނީ ސީދާ ސްކޮލްޑޭންގުގެ ގްލާސްގޯ އަށެވެ.