ޓޫރިޒަމް

އަހަރު ނިމެން ދެމަސް އޮއްވާ އެއް މިލިއަން ހަމަކޮށްފި

މި އަހަރު ނިމެން ދެ މަސް ދުވަހަށް ވެފައިވަނިކޮށް އެއް މިލިއަން ޓޫރިސްޓުން އައުމުގެ އަމާޒަށް ވާސިލްވެއްޖެ އެވެ.

އެއް މިލިއަން ޓޫރިސްޓު މީހާ އައުން ފާހަގަ ކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން ޓޫރިޒަމް ސިނާއަތަށް ގިނަ ދުވަހުގެ ހިދުމަތް ކުރެއްވި ބޭފުޅުން ވެސް ބައިވެވި އެވެ.

އެއް މިލިއަން ވަނަ ޓޫރިސްޓުގެ 20 ވަނަ ދަތުރު

އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ހޮވިފައިވަނި ފްރާންސުގެ ވިންސެންޓް ޕިޓާއު 42 އަށެވެ. އަންހެނުންނާ އެކު ރާއްޖެއަށް ކުލަބް މެޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަން އައި ޕިޓާއު ރާއްޖެ އައި މިއީ 20 ވަނަ ފަހަރެވެ.

މިއީ ކޮވިޑް-19 އަށް ބޯޑަރު ބަންދުކޮށް އަލުން ހުޅުވިފަހުން އެއް މިލިއަން ޓޫރިސްޓުން ހަމަވި ފުރަތަމަ ފަހަރެވެ. މި އަހަރު އައި ޓޫރިސްޓުންގެ އަދަދު އެއް މިލިއަން ފަހަނަ އެޅިއިރު މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ އިންޑިއާ އެވެ.

އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތައް

  • އިންޑިއާ
  • ރަޝިއާ
  • ޖަރުމަނުވިލާތް
  • އެމެރިކާ
  • ޔޫކްރެއިން
  • ސްޕެއިން
  • އިނގިރޭސިވިލާތް
  • ފްރާންސް
  • ކަޒަކިސްތާން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު އެންމެ ގިނައިން އެއް ދުވަހެއްގެ މައްޗަށް ޓޫރިސްޓުން އައިސްފައިވަނީ 6،000 މީހުންނެވެ. އަދި އާއްމުކޮށް ޑެއިލީ އެރައިވަލްސް އުޅެނީ 3،000 އިން މަތީގަ އެވެ. އަދި އެވްރެޖުކޮށް ޓޫރިސްޓުން ރާއްޖޭގައި މަޑު ކުރަނީ 8.9 ދުވަހު އެވެ.

ރާއްޖޭގައި މިހާރު 10،182 ގެސްޓްހައުސް އެނދު ހިންގަ އެވެ. އަދި ހުޅުވާފައިވާ ގެސްޓްހައުސްގެ އަދަދު ވަނީ 585 އަށް އަރާފަ އެވެ. އަދި ގެސްޓްހައުސް ހުޅުވާފައިވަނީ 20 އަތޮޅެއްގެ 87 ރަށުގަ އެވެ. އަދި މިހާރު ރާއްޖޭގައި 51،000 އަށްވުރެ ގިނަ ޓޫރިސްޓު އެނދު ވަނީ ހިދުމަތަށް ނެރެފަ އެވެ. މީގެތެރޭގައި 160 ރިސޯޓުގައި ހުރި 37،353 އެނދު ވެސް ހިމެނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އަދި އަލުން ބޯޑަރު ހުޅުވީ ޖުލައި 15 ގަ އެވެ. މިދިޔަ އަހަރު އައިސްފައިވަނީ 555،494 މީހުންނެވެ. އަދި މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެންނަން ސަރުކާރުން ލަނޑުދަނޑިއެއް ކަނޑައެޅި އެވެ. ނަމަވެސް އެމްއެމްއޭގެ ދިރާސާއިން ދެއްކި ގޮތުގައި މި އަހަރު އެންމެ ރަނގަޅު ހާލަތުގައި އަންނާނީ 1.2 މިލިއަން ޓޫރިސްޓުންނެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ ދިރާސާ އިން ދައްކަނީ މި އަހަރު 1.3 މިލިއަން ޓޫރިސްޓުން އަދި އަންނަ އަހަރު ދެ މިލިއަން ޓޫރިސްޓުން އަންނާނެ އެވެ.