ހައުސިން މިނިސްޓްރީ

70 ރަށެއްގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާާލަނީ

އަންނަ އަހަރު ތެރޭގައި 70 ރަށެއްގެ ބިން ބޭނުން ކުރާނެ ގޮތް ނޫނީ "ލޭންޑް ޔޫސް ޕްލޭން" އެކުލަވާލާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ ޕްލޭނިން ޑިޕާޓްމަންޓް އޮފިސަރު ހުސެން ރަޝީދު ވިދާޅުވީ ރަށްރަށުގައި ހިންގާ އިގްތިސާދީ އަދި އިޖްތިމާއީ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް އެފަދަ ޕްލޭނެއްގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ. އަދި ރަށްރަށުގެ ބިން ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނީ ވެސް އެފަދަ ޕްލޭނެއް އޮވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމުގެ މުހިންމުކަން ފެނިގެން މިއަހަރުގެ ތެރޭގައި ވެސް ހަ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ނިންމައި، ތަންފީޒު ކުރަން ފަށާ މަރުހަލާގައިވެ އެވެ. އެ ރަށްތަކަކީ، ކ. ތުލުސްދޫ، އއ. ބޮޑުފޮޅުދޫ، އއ. މަތިވެރި، ހއ.މުރައިދޫ، ދ. މީދޫ، އަދި ބ.އޭދަފުއްޓެވެ. އަދި ކުރިއަށް މި އޮތް އަހަރުގެ ތެރޭގައި އިތުރު ރަށްތަކެއްގެ ލޭންޑް ޔޫސް ޕްލޭން ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޕްލޭން ނަހަދައި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޮޑެތި ހުރަސްތައް ހުންނާނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މިހާރު ރޭވިފައިވާ ގޮތުން 70 ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ މަސައްކަތް އަންނަ އަހަރު ތެރޭގައި ފެށޭނެ،" ހުސެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހާ ގިނަ ރަށުގެ ޕްލޭން ހެދުމަށް ވަރަށް ގިނަ ދުވަސްތައް އެކަމަށް ހޭދަކޮށް ގިނަ މައުލޫމާތުތަކެއް އެއްކޮށް ދިރާސާ ކުރަން ޖެހޭނެ ކަމަށެވެ. އަދި އެއީ މިނިސްޓްރީގެ މުވައްޒަފުން އެކަނި ކުރެވޭ ވަރަށް ވުރެ ބޮޑު މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ. އެހެން ކަމުން 60 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން އާމު ފަރާތްތަކާ ހަވާލު ކުރުމަށް އިއުލާން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓްރީ އިން ކުރާނީ ބާކީ 10 ރަށެއްގެ މަސައްކަތް ކަމަށް ވެސް ބުންޏެވެ.