ހައުސިން މިނިސްޓްރީ

ބިންވެރިޔާ ސްކީމުގެ ގޯތިތަކާ ހަވާލުވާން އިތުރު ފުރުސަތެއް ދީފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުން ގޯތީގެ ލިޔުމާ ހަވާލުވުމަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ގޯތިތަކާ މިހާތަނަށް ހަވާލުވީ 8،394 މީހުން ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ފެށި ގޯތިތަކާ ހަވާލު ނުވެ ތިބި މީހުން ގޯތިތަކާ ހަވާލުވުމަށް މިހާރު ފުރުސަތު ދީފައިވަނީ މި މަހުގެ 16 އިން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯތީގެ ލިޔުމާ ހަވާލުވުމަށް އެދޭ މީހުން ބޯހިޔާވެހި ޕޯޓަލް މެދުވެރިކޮށް ބިން ލިބުނުކަމުގެ ރަޖިސްޓްރީ ނުވަތަ ލިޔުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މާލެ ސަރަހައްދުން ގޯތި ދޫކުރާ ތަންތަނުގެ ތެރެއިން ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން ހަދައި މިހާރު އާންމުންގެ ހިޔާލަށްވެސް ހުޅުވާލާފަ އެވެ.