އެމްއޭސީއެލް

އެއާ ޓްރެފިކް މުވައްޒަފުންގެ އިހުތިޖާޖެއް

އެއާ ޓްރެފިކް ސާވިސަސް (އޭޓީސީ) ހިންގަމުންދާ ގޮތާ ދޭތެރޭ ހިތްހަމަ ނުޖެހިގެން އެ ތާނގެ މުވައްޒަރުން އޭޓީސީ ބިލްޑިންގައި އިހުތިޖާޖެއް ފަށައިފި އެވެ.

އޭޓީސީގެ މުވައްޒަފުން އިހުތިޖާޖު ކުރަން ފެށިއިރު އޭޓީސީގެ މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރަން ގޮވާލައި ކަމާ ބެހޭ އިދާރާތަކަށް ޕެޓިޝަނެއް ވެސް އޮތީ ހުށަހަޅައިފަ އެވެ.

އެގޮތުން އެ މުވައްޒަފުންނަށް މަގާމާއި މުސާރައިގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ހަދާފައި ނުވާތީ އެ މައްސަލަ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. ދެހާސް ނަވާރަ ވަނަ އަހަރު އޮނިގަނޑެއް އެކުލަވައިލި ނަމަވެސް އެ އޮނިގަނޑު ރައީސް އޮފީހަށް ފޮނުވާފައި ވަނިކޮށް ކޮވިޑާ ގުޅިގެން އޮނިގަނޑުގެ ވާހަކަ ހުއްޓިފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

އޭޓީސީގެ މުވައްޒަފުންގެ އިހުތިޖާޖާ ގުޅޭ ގޮތުން އެމްއޭސީއެލްއިން ބުނީ އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް މުވައްޒަފުންނާއެކު ވާހަކަތައް ބާއްވައި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭޓީސީގެ މުވައްޒަފުން ހުށަހެޅި ޕެޓިޝަނުގައިވާ ގޮތުން އޭޓީސީގެ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ ހަރުދަނާ އުސޫލެއް ނެތެވެ. އަދި މުވައްޒަފުންނަށް އެއްވެސް ތަމްރީނެއް ނުލިބޭ ކަމަށްވެސް ބުނެފައިވެ އެވެ.

ޕެޓިޝަންގައި ބުނެފައި ވަނީ ސަލާމަތާ ގުޅުންހުރި ޝަކުވާތައް ނުވަތަ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރަން ކޮންޓްރޯލަރުން ޖެހިލުންވާ ކަމަށެވެ. އެހެންވެ ހަރުދަނާ ސޭފްޓީ ރިޕޯޓިން ސިސްޓަމެއް ގާއިމުކުރުމަށްވެސް އެދިފައިވެ އެވެ.

ކޮންޓްރޯލަރެއްގެ ބަލި ހާލަތު ނިޔާކުރާ ގޮތުން ލައިސަންސް ދޫކޮށްލަން ޖެހިއްޖެ ހާލަތެއްގައި ވަޒީފާގައި ދެމި ހުރެވޭނެ އެހެން ގޮތެއް ކަނޑައެޅިފައި ނެތުމަކީ ވެސް މުވައްޒަފުންގެ ކަންބޮޑުވުމެކެވެ. އޭވިއޭޝަން ދާއިރާގެ ތަޖުރިބާ އާއި މަތީ ތައުލީމު ލިބިފައިވީ ނަމަވެސް ކުންފުނީގައި މުވައްޒަފުން ހިފަހައްޓާނެ ހަރުދަނާ ޕޮލިސީއެއް ނެތުމަކީ ވެސް މުވައްޒަފުންގެ ކަންބޮޑުވުމެކެވެ.

އޭޓީސީ ހިންގުމުގެ އާ އޮނިގަނޑެއް މިދިޔަ ސެޕްޓެމްބަރު މަހު ފާސްކުރި ނަމަވެސް އެ އޮނިގަނޑުން މުވައްޒަފުންގެ އެއްވެސް ކަންބޮޑުވުމަކަށް ހަލެއް އައިސްފައި ނުވާ ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ. އެކަމަކު އޮނިގަނޑު ފާސްކުރުމާ ހިސާބުން ތަނުގެ އިސްވެރިންނަށް މަގާމުގެ ކުރިއެރުން ލިބުނު ކަމަށް މުވައްޒަފުން ބުނެ އެވެ.

އޭޓީސީގެ ކޮންޓްރޯލަރުން، ޕައިލެޓުންނާއި ޑޮކްޓަރުން ފަދަ ވަޒީފާތަކާއި އެއް ގިންތިއެއްގައި ގިންތިކޮށްފައިވީ ނަމަވެސް މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމުގައި އެ ޕްރޮފެޝަންތަކާއި އެއްހަމައެއްގައި އޭޓީސީގެ މުވައްޒަފުންނާ މެދު އަމަލުނުކުރާ ކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ޕްރޮފެޝަންތަކުން ގިނަ ދުވަހު ހިދުމަތްކުރުމުން ރިޓަޔާކޮށް އިނާޔަތްތައް ދޭ ގޮތަށް އޭޓީސީގެ މުވައްޒަފުންނަށް އިނާޔަތް ނުލިބޭ ކަން ވެސް ވަނީ ހިމަނާފަ އެވެ.