ތިމާވެއްޓަށް ގެެއްލުމެއް ނެތް ގޮތުގައި ހަކަތަ އުފައްދައިގެން ނޫން ގޮތަކަށް ތަރައްގީއެއް ނެތް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ބިމުން ނަގާ ތެލުން ހަކަތަ އުފެއްދުން ޒަމާނަށް އެކަށިގެން ނުވާ ކަމަށެވެ.
ސާފު ހަކަތައަށް ބަދަލުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވަމުން ބްލިންކެން ހޯމަ ދުވަހު ވިދާޅުވީ އިގްތިސޯދަށް ޓަކައި ކުރެވޭ މަސައްކަތްތައް ތިމާވެއްޓަށްް ކަމުދާ ގޮތަށް ބަދަލު ކޮށްގެން ނޫން ގޮތަކަށް ދުޅަހެޔޮ މުސްތަގްބަލެއް ނެތް ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެއްލުން ވަނީ ހަމައެކަނި އިގުތިސޯދަށް ނޫން ކަމަށް ބްލިންކެން ވިދާޅުވި އެވެ. އެއީ ގައުމުތަކުގެ ބިނާއަސާސީ އަށާއި ގައުމީ ސަލާމަތަށް ވެސް އޮތް ނުރައްކަލެއް ކަމަށް އިނގިރޭސިވިލާތުގެ ގްލާސްގޯގައި ބްލިންކެން ވިދާޅުވި އެވެ.
އދ. ގެ މޫސުމާ ބެހޭ ސަމިޓް، ކޮޕް26 ގައި އެމެރިކާ ތަމްސީލްކުރާ ޓީމްގައި ހިމެނިވަޑައިގެން ބްލިންކެން ވިދާޅުވީ ދުނިޔެ ހޫނުވަމުންދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސް އަށް ދަށް ކުރުމަށް ދުނިޔެ އަތުކުރި އޮޅާލަން ޖެހޭ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުން ސަލާމަތްވުމަށް ޓަކައި، ކުރިއަށް އޮތް 10 އަަހަރަކީ ދުނިޔޭގެ ގައުމުތަކުން އާ ލަނޑުދަނޑިތަކެއް ހާސިލްކުރަން ލިބޭ ރަނުގެ ފުރުސަތަކަށް ވާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.
އެމެރިކާއިން ޕެރިސް ކްލައިމެޓް އެއްބަސްވުމަށް ރުޖޫއަވާން ބައިޑެން ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވައި ބްލިންކެން ވިދާޅުވީ 2030 ވަނަ އަހަރު އަންނަން ވާއިރަށް ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު 50 އިންސައްތަ އާއި 52 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްކުރުމަށް ވޮޝިންޓަނުން ވެފައިވާ ވަޢުދުގެ މަތިން ހަނދާން ކޮށްދެއްވާފަ އެވެ.
ބްލިންކެން ވިދާޅުވީ ކޮޕް26 ނިންމާފައި ގްލާސްގޯ ދޫކޮށް ދާންވާނީ އަޒުމުގައި ކަމަށެވެ. އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރަން މަސައްކަތްކުރުމަކީ އިންސާނުން ދިއިރުޅޭ ކޮންމެ ތަނެއްގައި ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.