ގައުމީ އެކި މުނާސަބަތުތަކާއި ގުޅިގެން ވެރިރަށް މާލެ ސިޓީގައި ގައުމީ ދިދަ ޖަހަން ސަރުކާރުން މާލެ ސިޓީ ކައުންސިލްގައި އެދޭއިރު ނަސްރުގެ ދުވަހާއި ގުޅިގެން ގައުމީ ދިދަ ޖަހަން އެދިފައި ނުވާތީ އެކަމާއި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މުއިއްޒު މިއަދު ވިދާޅުވީ ސަރުކާރުން އެދިފައިނުވި ނަމަވެސް މާލެ ސިޓީ ކައުންސިލުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުމަތީގައި ދިދަ ޖެހުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ސަރުކާރުން އެދިފައިވަނީ ޖުމްހޫރީ ދުވަހު އެކަނި ދިދަ ޖަހަން ކަމަށްވެސް ވިދާޅުވިއެވެ.
"ނަސްރުގެ ދުވަހުގެ މުހިއްމުކަން ފަނޑުވިޔަ ނުދިނުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން،" ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ނޮވެމްބަރު 3 ގެ ޝަހީދުން ފަސްދާނުލާފައިވާ ތަން އެތައް އަހަރެއްވަންދެން ނުބަލަހައްޓާ ހުރުމުގެ ސަބަބުން ވަރަށްބޮޑަށް ހަޑިވެ ވީރާނާވެފައިވާތީ އެތަން ސާފުކޮށް ރީތިކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. އަދި މިއަދާ ގުޅުވައި އެ ސަރަހައްދުގައި "ޝަހީދުންގެ މަގުބަރާ" ލިޔެފައިވާ ބޯޑެއްވެސް ވަނީ ބަހައްޓާފައެވެ.
މީގެ 33 އަހަރު ކުރީން ހިނގި ހާދިސާގައި ޝަހީދުވި ބަތަލުން ފަސްދާނުލާފައިވަނީ ހެންވޭރު ސަހަރާގައެވެ. އެ ސަރަހައްދު އޮންނަނީ ވަކިކޮށްފައި ނަމަވެސް މި ފަހުން އެ ސަރަހައްދު މާބޮޑަށް ބަލަހައްޓާފައެއް ނުވެއެވެ.
ސިޓީ ކައުންސިލުން އެތަން ސާފުކުރިއިރު ގައުފޮޅުގެ ބައެއް ވަނީ ހަލާކުވެފައެވެ. އަދި ކުލަފޮޅި މުޅި ސަރަހައްދުގެ ވެލިގަނޑު ވަނީ ކަޅުވެފައެވެ.
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން 19 ދިވެއްސަކު ޝަހީދުވިއެވެ.