އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ މީހުން ގެދޮރު ބިނާ ކުރަން ސަރުކާރުން ހުޅުވާލާފައިވާ ގެދޮރުވެރިޔާ ލޯން ސްކީމަށް އެދި 200 އަށްވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވީ ޕީއެސްއެމް ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ. މިނިސްޓަރު ވިދާޅުވީ ގެދޮރުވެރިޔާ ލޯން ސްކީމަކީ މިހާރު ލިބެން ހުރި ލޯންތަކާ އަޅާބަލާއިރު ދެ ބައިކުޅަ އެއްބައި ކުޑަ އަދަދެއް ކަމަށެވެ.
އެ ލޯން ސްކީމް ހުއްޓުމެއްނެތި ކުރިއަށް ގެންދަން ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވަމުން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ގެދޮރަށް ބޭނުންވެފައިވާ ހުރިހާ ރަށެއްގައި ގެދޮރު އަޅާފައި ދިނުން ނޫން ކަމަށެވެ. އަދި މިހާރު ވެސް އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން ގެދޮރު ބޭނުންވާ ރަށްތައް ދެނެގަތުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު ވެސް 50 ރަށެއްގައި ގެދޮރަށް ބޭނުންވާ ކަމަށް ފާހަގަކުރެވިފައި ވަނީ. ގެދޮރު އަޅާނެ ރަށްތައް ފައިނަލް ކުރުމުގެ މަސައްކަތްތައް ކުރަމުން މިދަނީ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބޯހިޔާވެހިކަން ބޭނުންވާ ރަށްތަކުގައި ކުރިއަށް ގެންދާނީ އެއްވައްތަރެއްގެ ހައުސިން މަޝްރޫ ތަކެއް ނޫން ކަމަށެވެ. ރަށްތަކުގައި ގެ އަޅާނީ ޖާގަ ހުރިވަރަކުން ކަމަށާއި ބިމުގެ ދަތިކަން ހުރި ރަށްރަށުގައި އަޅާނީ ފްލެޓްކަމަށެވެ.
ގެދޮރުވެރިޔާ ލޯން ސްކީމް އަކީ ފްލޭނިން މިނިސްޓްރީ އާއި އެޗްޑީއެފްސީ ގުޅިގެން ހިންގާ ސްކީމެކެވެ. ސްކީމްގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރާނީ މަޝްރޫއުގެ ޖުމުލަ އަދަދުގެ 80 ޕަސެންޓައްވާ ފައިސާއެވެ. އަދި ބާކީ 20 ޕަސެންޓަކީ ލޯނުނަގާ ފަރާތުގެ ހިއްސާއެވެ. އެ ސްކީމްގެ ދަށުން ގިނަވެގެން ނެގޭނީ ހަތް ލައްކަ ރުފިޔާއެވެ. އަދި 15 އަހަރާއި 20 އަހަރުގެ މުއްދަތެއް ލޯނު އަނބުރާ ދައްކަން ޖެހޭނެ އެވެ.