ހައުސިން މިނިސްޓްރީ

ހަތަރު ރަށަކުން ބިން ވިއްކަން އިއުލާންކޮށްފި

Dec 5, 2015

ބިން ހިއްކާފައިވާ ހަތަރު ރަށަކުން ވިޔަފާރިތަކަށް ބިން ވިއްކުމަށް ހައުސިން މިނިސްޓްރީ އިން އިއުލާންކޮށް އެކަމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައުސިން މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުގައި ބިމާ ބެހޭ ގާނޫނުގެ ދަށުން 35 އަހަރަށް ބިންތައް ދޫކުރަން ނިންމާފައި ވަނީ ހދ. ހަނިމާދު އާއި ނ. ވެލިދު އާއި ކ. ތުލުސްދޫގެ އިތުރުން ބ. ތުޅާދޫގެ އަލަށް ހިއްކާފައިވާ ސަރަހައްދުންނެވެ، ހައުސިން މިނިސްޓްރީ އިން ބުނީ އެއް ކުންފުންޏަކަށް އެންމެ ބޮޑު ކޮށް ދޫކުރެވޭނީ 600 އަކަފޫޓްގެ ބިމެއް ކަމަށެވެ. މިފަދަ ބިންތައް ގަންނަ ފަރާތްތަކަށް އެ ބިންތައް އެކި ފަރާތްތަކަށް ދީގެން މަންފާ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

މިނިސްޓްރީ އިން ބުނީ މި މަހުގެ 15 ކުރިން ބިންގަންނަން ޕްރޮޕޯސަލް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޕްރޮޕޯސަލް ތައްޔާރު ކުރަން ޖެހޭ ގޮތުގެ މައުލޫމާތުތައް މިނިސްޓްރީގެ ވެބްސައިޓްގައި މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

މިނިސްޓްރީ އިން ބުނަނީ ސަރުކާރަށް ފައިދާ ލިބޭ ގޮތަށް ބިން ވިއްކުމުގެ ބޭނުމަކީ އާބާދީ ބޮޑެތި ރަށްރަށުގައި އިގްތިސާދީ މަސައްކަތްތައް އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ރަށުން ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި އެފަދަ ސަރަހައްދުތަކަށް ކުދި އާބާދީތަކުގެ މީހުން ހިޖުރަ ކުރުމަށް ފުރުސަތު ދިނުމަކީ ވެސް ބޭނުމެއް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މިއީ ބިންވިއްކަން ކުރިއަށް ގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވައްސެވެ. މި ފިޔަވަހީގެ ދަށުން 10 ރަށަކުން ބިން ވިއްކަން ނިންމާފައިވެ އެވެ. މީގެ ތެރޭގައި އެންމެ އާބާދީ ބޮޑު ހއ. ދިއްދު އާއި ހދ. ކުޅުދުއްފުށި ހިމެނެ އެވެ.