ދައުލަތުގެ ބަޖެޓް

ކޯޒްވޭ އަކުން ރަށްތައް ގުޅާލުމުގެ ހަ މަޝްރޫއެއް ބަޖެޓްކޮށްފި

Nov 3, 2021

ކޯޒްވޭ އަކުން ރަށްތަކެއް ގުޅާލުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނައިފި އެވެ.

ކޯޒްވޭ ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ހަ މަޝްރޫއު ހިންގުމަށް ނިންމާފައިވަނީ ބ، މ، ތ އަދި ލ. އަތޮޅުގަ އެވެ.

އެގޮތުން ކޯޒްވޭ އަކުން ގުޅާލުމަށް ނިންމާފައިވަނީ ބ. ފެހެންދޫއާއި ބ. ގޮއިދޫއާއި، މ. މުއްޔާއި މ. ނާލާފުށްޓާއި، ތ. ވޭމަންޑޫއާއި ތ. ކިނބިދޫއާއި، ލ. ކަލައިދޫ އާއި ލ. ދަނބިދޫއާއި، ލ. ކުނަހަންދޫ އާއި ލ. މެންދޫގެ އިތުރުން ލ. ހިތަދޫ އާއި ލ. މެންދޫ އެވެ.

ފެހެންދޫއާއި ގޮއިދޫ މަޝްރޫއުގެ ޕްރީޓެންޑަރިންއާ ގުޅޭ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ދެ ލައްކަ ރުފިޔާ ހިމަނާފައިވާއިރު އަނެއް ހުރިހާ ރަށެއް ގުޅާލުމަށް އެއް މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.

މީގެއިތުރުން ގއ. ވިލިނގިއްޔާއި ގއ. ކޫއްޑޫ ބްރިޖު ހެދުމަށް ދިރާސާކުރުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި 450،000 ރުފިޔާ ހިމަނާފައިވެ އެވެ.

ބައެއް ރަށްތައް ކޯޒްވޭ ތަކުން ގުޅާލުމާއި ގއ. ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު 34 ބިލިއަން ރުފިޔާ އަންނަ އަހަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓަކީ 9.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރުގެ ބަޖެޓާއެކު ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ 90 އިންސައްތައަށް ވުރެ ބޮޑު ބައެއް މިހާރު ބަޖެޓްކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެތެރެއިން މިހާރުވެސް ޖުމްލަ 671 މަޝްރޫއްއެ ނިމިފައިވާއިރު 497 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.