އޮމާން ކަނޑުގައި ތެޔޮ ހިފައިގެން ދަތުރުކުރި އީރާންގެ ޓޭންކަރެއް ހިފެހެއްޓުމަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރި މަސައްކަތް ނާކާމިޔާބު ކުރެވިއްޖެ ކަމަށް އީރާނުން ބުދަ ދުވަހު ބުނެފި އެވެ.
މި ހާދިސާއާ ގުޅުން ހުރި އިތުރު މައުލޫމާތު ފަހުން ދޭނެ ކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް އީރާނުން އަދި ނުދެ އެވެ. އެހެން ނަމަވެސް އެމެރިކާ ބުނާ ގޮތުން އީރާންގެ ސިފައިން ހިފެހެއްޓި ޓޭންކަރާ އެމެރިކާއާ ގުޅުމެއް ނެތެވެ.
އީރާނުގެ ތެލުގެ އެކްސްޕޯޓާ ދެކޮޅަށް އެމެރިކާއިން އޮންނަނީ ދަތިކުރުމުގެ ފިޔަވަޅު ގަދައަށް އަޅާފަ އެވެ. އަނެއްކޮޅުން މިހާދިސާ ހިނގާފައި މިވަނީ އީރާނަށް އަޅާފައިހުރި ދަތިކުރުންތައް ނައްތާލަން ގޮވާލާ ދުވަސްވަރެއްގަ އެވެ.
ދުނިޔޭގެ ބާރުތަކުން އީރާނާއެކު މަޝްވަރާކުރަނީ ނިއުކްލިއާ ބޮން އުފައްދަން އީރާނުން ކުރާ މަސައްކަތްތައް ހުއްޓާލާތޯ އެވެ. އެމެރިކާއާ ޔޫރަޕުން އީރާނާއެކު ވެފައިވާ ނިއުކްލިއާ އެއްބަސްވުން އަލުން ދިރުވުމަށް ކުރަމުންދާ މަސައްކަތްތައް ވެސް މިދަނޑިވަޅު އޮތީ މަޑުޖެހިފަ އެވެ.
އެމެރިކާ ސިފައިން އީރާނުގެ ތެޔޮ ޓޭންކަރެއް ހުއްޓުވައި އޭގައި ހުރި ތެޔޮ އެހެން ޓޭންކަރަކަށް ބަދަލުކުރަން މަސައްކަތްކުރި ކަމަށް އީރާން ބުނެ އެވެ. އެހެން ނަމަވެސް އެއީ ކޮންތަނަކުން ކޮންތަނަކަށް ދަތުރުކުރި ޓޭންކަރެއްކަން އީރާނުން ނުބުނެ އެވެ.
އެމެރިކާ ސިފައިންގެ އަތްދަށުން ތެޔޮ ޓޭންކަރު އަތުލުމަށް އީރާންގެ ރިވޮލޫޝަނަރީ ގާޑުންގެ ސިފައިން ބައިވެރިވި އެވެ. އަދި ވަޔާއި ކަނޑުމަގުން އުޅަނދުތައް ބޭނުންކުރި ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. ޓޭންކަރު މިހާރު އޮތީ އީރާނުގެ ކަނޑުގެ ސަރަހައްދުގަ އެވެ. ހާދިސާ ހިނގި ކަމަށް ވަނީ އޮމާން ކަނޑުގަ އެވެ.