އެމްޑަބްލިއުއެސްސީ

ފެން ބޮޑުވާ މަގުތަކުން ގިނައިރެއް ނުވެ މިހާރު ފެން ހިނދޭނެ: އެމްޑަބްލިއުއެސްސީ

  • އެންމެ ގިނަވެގެން 45 މިނެޓް ތެރޭ ފެން ހިނދޭނެ
  • މިހާރު ކުރިއަށް ދަނީ ދެވަނަ ފޭސްގެ މަސައްކަތް
  • އެންމެ ބޮޑަށް ފެން ހެނދޭ މަގުތައް ވެސް ވަނީ ހައްލުވެފައި

މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް އެމްޑަބްލިއުއެސްސީ އިން ކުރިއަށް ގެންދާ "ސްޓޯމް ވޯޓާ ޑްރެއިން" ޕްރޮޖެކްޓްގެ ދެވަނަ ފޭސް ގައި އެންމެ ގިނަވެގެން 45 މިނެޓްގެ ތެރޭގައި މަގުތަކުން ފެންގަނޑު ހިންދާލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު "އަވަސް" އަށް ވިދާޅުވީ އެންމެ ބޮޑަށް ފެން ހެދޭ އަމީނީ މަގުގައިވެސް އެންމެ ގިނަ އިރުވެގެން 45 މިނެޓު ތެރޭ ފެންގަނޑު ހިނދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ވާރޭ ވެހޭ ވަގުތު މަގުމަތީގައި ފެން ހެނދިދާނެ ކަމަށެވެ. އެހެން ނަމަވެސް އެ ފެން އެންމެ ގިނަ ވެގެން ވެސް 45 މިނެޓް ތެރޭގައި ހިނދޭނެ ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.

"ސްޓޯމް ވޯޓާ ގައި ދަންނަވާ ކަމުގައި ވަންޏާ މިހާރު ހަމަ ފެން ނެތޭވެސް ބުނެވިދާނެ. ވެހޭ ގަޑީގައި ހުންނާނެ. އެހެން ނަމަވެސް ބައި ގަޑިއިރުތެރޭ ހިންދާލާނެ މިހާރު. ކުރިން ވެއްޖިއްޔާ ޓެކްސީ ތަކަށް އަމީނީ މަގުން ގިނަ ފަހަރަށް ދަތުރު ނުކުރެވޭނެ ފެންގަނޑު ބޮޑު ކަމުން،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގައި މިހާރު އެންމެ ބޮޑަށް ފެން ހެދޭ ހިސާބުތައް ކަމަށްވާ، ހައުސިން މިނިސްޓްރީ ކުރިމަތި އަދި އައިޖީއެމްއެޗް ކައިރިން ވެސް ފެން ހެދިފައި ގިނަ ވަގުތު ނޯންނާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. ސްޓޯމް ވޯޓާ ޑްރެއިން ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ ބައެއް މަގުތަކެވެ. މި މަގު ތަކުގައި މިހާރު ފެން ހެދިފައި ގިނަ އިރު ނުހުންނާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

ސްޓޯމް ވޯޓާ ޑްރެއިން ނިޒާމުގެ ފުރަތަމަ ފޭސް ގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ ކުރީ ކޮޅު އެވެ. އެ ފޭސްގައި ތާޖުއްދީން ސްކޫލް ހުންނަ ސަރަހައްދު ހިމެނޭ ގޮތަށް މަގުތަކުން ފެން ހިންދުމުގެ ނިޒާމް ގާއިމްކޮށްފައިވެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭގެ މަގުތަކުގައި ފެން ހެދޭކަން އާއްމުން މިހާރު ހަނދާން ނެތޭ ހިސާބަށް ގޮސްފައިވާ ކަމަށް ކުރިން ވިދާޅުވެފަ އެވެ. އަދި ސްކޫލްތައް ހިމެނޭ ސަރަހައްދު ތަކުގައިވެސް ފެން ހެދިފައި ގިނަ ވަގުތު ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.