މަތިވެރި

ޖާބިރުގެ ގެސްޓްހައުސްގައި އަނިޔާކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

Nov 6, 2021

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އއ. މަތިވެރީގައި ހިންގާ ކާސާ މިއާ ގެސްޓްހައުސްގައި މީހަކު ރަހީނުކޮށް އަނިޔާކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 37 އަހަރާއި 31 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ޖާބިރުގެ ކޮއްކޮއެއް ހިމެނެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލްގެ ރައީސް އަހްމަދު އަސްލަމް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ޖާބިރު އެރަށުގައި ހިންގާ ގެސްޓްހައުސްގައި ހުންނަ ޖާބިރުގެ ކޮޓަރިއަށް އެރަށު މީހަކާ ކައިވެނިކޮށްގެން އެރަށުގައި ދިރިއުޅޭ މީހަކު ގެންގޮސް ރަހީނުކުރުމަށްފަހު އަނިޔާކުރި ކަމަށެވެ.

"އަނިޔާވި މީހާގެ ހުންނާނެ ޖާބިރުގެ ގެސްޓްހައުސްގައި އުޅޭ ކުއްޖެއް. އެ ކުއްޖާ އަށް މުސާރަ ނުދީގެން އަނިޔާ ލިބުނު މީހާ ވަނީ ޖާބިރު ކައިރީގައި މީގެކުރިން ޝަކުވާކޮށްފައި. މިއަދު [ބުރާސްފަތި ދުވަހު] އެ މީހާ ގެންދިޔައީ އެތަނުގައި މެއިންޓަނަންސް މަސައްކަތެއް ކުރާށޭ ކިޔާފައި. ޖާބިރު ދިރިއުޅޭ ކޮޓަރިއަށް މެންދުރުފަހު 3:15 ހާއިރު ވައްދާފައި 40 މިނެޓް ރަހީނުކޮށްފައި ބައިންދައިގެން އަނިޔާކުރީ. އަނިޔާކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޖާބިރު ފިލައިގެން ދިޔައީ މިރަށުން. އެ ގުރޫޕުން އެމީހާ ދޫކޮށްލީ ޖާބިރު ގުޅާފައި ދޫކޮށްލަން އެންގުމުން،" އަަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަނިޔާވި މީހާގެ ލޯމަތި ދުޅަކޮށްލައި ނޭފަތް ފަޅާލާފައިވާ ކަމަށެވެ. އަދި އެމީހާގެ ތުބުޅިއާއި ބޮލުގެ އިސްތަށިގަނޑުގައި ހިފާފައި އިސްތަށި ވެސް އުފުރާފައިވާ ކަމަށެވެ.

އއ. މަތިވެރީގައި މީހަކަށް އަނިޔާކުރި މައްސަލާގައި ބުރާސްފަތި ދުވަހު ފުލުހުން ބުނީ އަނިޔާ ލިބުނު މީހާ އަށް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށެވެ.

ޖާބިރު މިދިޔަ ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ އިރުއޮއްސެނިކޮށް މަތިވެރި އަށް ވަޑައިގަތުމުން އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އޭނާއާ ދެކޮޅަށް ވަރަށް ގަދައަށް މުޒާހަރާކޮށް ޖާބިރަށް ރަށުތެރެއިން ހުރަސް އަޅާފަ އެވެ. އެހެންވެ ފުލުހުންގެ ހިމާޔަތުގައި އެ ރަށު ޕޮލިސް ސްޓޭޝަންގައި އެތައް އިރަކު އިންނެވުމަށްފަހު ޖާބިރު އެރޭ ވަނީ އެރަށުން ފުރާވަޑައިގެންފަ އެވެ.