އަބްދުﷲ ޖާބިރު

ޖާބިރު ގެންދިޔަ ބަޔަކު މަތިވެރީގައި މީހަކު ރަހީނުކުރި ކަމަށް ތުހުމަތުކޮށްފި

Nov 4, 2021

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ގެންދިޔަ ގުރޫޕަކުން އެރަށު މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލްގެ ރައީސް އަހްމަދު އަސްލަމް ވިދާޅުވީ ޖާބިރު އެރަށުގައި ހިންގާ ކާސާ މިއާ ގެސްޓްހައުސްގައި ހުންނަ ޖާބިރުގެ ކޮޓަރިއަށް އެރަށު މީހަކާ ކައިވެނިކޮށްގެން އެރަށުގައި އުޅޭ މީހަކު ގެންގޮސް ރަހީނުކުރުމަށްފަހު އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން އެ ރަށު ސިއްހީ މަރުކަޒަށް ގޮސް އަނިޔާވި މީހާއާ ބައްދަލުކޮށް މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

"އަނިޔާވި މީހާގެ ހުންނާނެ ޖާބިރުގެ ގެސްޓްހައުސްގައި އުޅޭ ކުއްޖެއް. އެ ކުއްޖާ އަށް މުސާރަ ނުދީގެން އަނިޔާ ލިބުނު މީހާ ވަނީ ޖާބިރު ކައިރީގައި މީގެކުރިން ޝަކުވާކޮށްފައި. މިއަދު އެ މީހާ ގެންދިޔައީ އެތަނުގައި މެއިންޓަނަންސް މަސައްކަތެއް ކުރާށޭ ކިޔާފައި. ޖާބިރު ދިރިއުޅޭ ކޮޓަރިއަށް މެންދުރުފަހު 3:15 ހާއިރު ވައްދާފައި 40 މިނެޓް ރަހީނުކޮށްފައި ބައިންދައިގެން އަނިޔާކުރީ. އަނިޔާކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޖާބިރު ފިލައިގެން ދިޔައީ މިރަށުން. އެ ގުރޫޕުން އެމީހާ ދޫކޮށްލީ ޖާބިރު ގުޅާފައި ދޫކޮށްލަން އެންގުމުން،" އަަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަނިޔާވި މީހާގެ ލޯމަތި ދުޅަކޮށްލައި ނޭފަތް ފަޅާލާފައިވާ ކަމަށެވެ. އަދި އެމީހާގެ ތުބުޅިއާއި ބޮލުގެ އިސްތަށިގަނޑުގައި ހިފާފައި އިސްތަށި ވެސް އުފުރާފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ މާލެ އިން ގެންދިޔަ ގުރޫޕަކާ އެކު ޖާބިރު އެ ރަށުގައި އުޅޭތާ ދެ ދުވަހެއް ވަރު ވެއްޖެ ކަމަށެވެ. އަދި ރަށުގެ އެކި ސަރަހައްދުތަކަށް ގޮސް ބައެއް މީހުންނާ ޒުވާބުކޮށް އިންޒާރު ދީފައިވާ ކަމަށް ބުނެ ބައެއް މީހުން ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

"ހަގީގަތުގައި ގުރޫޕެއް ގޮވައިގެން އައިސް ރަށު މީހުންނާ ބިރު ދައްކާ ރަށުގެ މަސްލަހަތު ނަގާލުމުގެ ކަންކަން އެ ކުރަނީ. މި ހުންނަނީ ދެރަ ކަންކަން. ރަށު މީހަކު ރަހީނުކޮށްފައި އޭނާ ފިލައިގެން އެ ދިޔައީ މިއަތޮޅު ފެރިދޫއަށް. މިހާރު އޭނާ މިރަށަށް ގެނައި ގުރޫޕް ވެސް އެ އުޅެނީ ފުލުހުންގެ ރައްކާތެރިކަމުގައި ފިލައިގެންދާން،" ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ހުންނަވާ އަސްލަމް ވިދާޅުވި އެވެ.

ޖާބިރު މިދިޔަ ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ އިރުއޮއްސެނިކޮށް މަތިވެރި އަށް ވަޑައިގަތުމުން އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އޭނާއާ ދެކޮޅަށް ވަރަށް ގަދައަށް މުޒާހަރާކޮށް ޖާބިރަށް ރަށުތެރެއިން ހުރަސް އަޅާފަ އެވެ. އެހެންވެ ފުލުހުންގެ ހިމާޔަތުގައި އެ ރަށު ޕޮލިސް ސްޓޭޝަންގައި އެތައް އިރަކު އިންނެވުމަށްފަހު ޖާބިރު އެރޭ ވަނީ އެރަށުން ފުރާވަޑައިގެންފަ އެވެ.

ޖާބިރު ގެންދަވަނީ މަތިވެރީގައި 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސްއެއް ހިންގަވަމުންނެވެ. އެހެންވެ އޭނާ ދޭތެރެއަކުން މަތިވެރިއަށް ވަޑައިގަންނަވަ އެވެ.

މަތިވެރި ރައްޔިތުންގެ ތެރެއިން ބަޔަކު ޖާބިރު ދެކެ ހިތްހަމަނުޖެހިގެން އުޅެނީ ކާޒާ މިއާ ގެސްޓްހައުސްގައި މަސައްކަތް ކުރާ އެރަށު މީހުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވެފައިވާތީއާއި ގެސްޓްހައުސްގެ ބިމު ކުއްޔަށް ދައްކަން ޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖާބިރު ނުދައްކަވާ އޮތް ކަމަށް ބުނެ އެވެ.

މަތިވެރި ކައުންސިލާއި އެ ރަށު ރައްޔިތުން ދައްކާ ވާހަކަތައް ޖާބިރު ގެންދަވަނީ ދޮގުކުރައްވަމުންނެވެ. މަތިވެރީގައި މިއަދު މީހަކު ރަހީނުކުރި ކަމަށް ބުނެ އޭނާ އަށް ކުރާ ތުހުމަތުތަކަށް ވެސް ބައެއް މީޑިއާތަކުގައި އޭނާ ވަނީ އިންކާރުކުރައްވާފަ އެވެ.

އއ. މަތިވެރީގައި މީހަކަށް އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު އެ މީހާ އަށް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ބުނެފައިވެ އެވެ.