ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަ މީހަކު ހައްޔަރުކޮށްފި އެވެ.
އޮޕަރޭޝަންތައް ކުރިއަށް ގެންދިޔައީ އދ. މަހިބަދޫ އާއި އއ. މަތިވެރީގަ އެވެ.
ފުލުހުން ހައްޔަރުކުރި ހަ މީހުންގެ ތެރޭގައި ބިދޭސީ އަކު ވެސް ހިމެނެ އެވެ.
މަހިބަދޫގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި 24 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހަކާއި، 38 އަހަރުގެ މީހަކާ އަދި 40 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
އެ މީހުން ތިބި ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ހޮޅިކޮޅު ފެނިފައިވެ އެވެ.
މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދަށް 15 ދުވަސް ދީފައިވެ އެވެ.
މަތިވެރީގައި ހިންގި މި މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 29 އަހަރުގެ ބިދޭސީ އަކު ހައްޔަރުކުރީ ރަށުތެރެއިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓް ފެނުމުންނެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެ އެވެ.