މަހިބަދޫ

މަހިބަދޫގައި މަސްތުވާތަކެތި ގެންގުޅުނު އައްޑޫ މީހަކު ހައްޔަރުކޮށްފި

އދ. މަހިބަދޫގައި މަސްތުވާތަކެތި ގެންގުޅުނު އައްޑޫ މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ލެވީނިއާ، މުހައްމަދު ޒުނާމް ނަޖުމީ (24އ) އެވެ.

މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޒުނާމް ހައްޔަރުކުރީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.

މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަންގައި މަހިބަދޫ ވޮލީ ކޯޓާ ދިމާ އުތުރު ބަނދަރުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި 12 ދަޅު ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 378.75 ގްރާމު ހުރި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ޒުނާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.