ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އައްޑޫސިޓީން ހައްޔަރު ކުރި، ރުޝާން އަހުމަދު ދީދީ ބަންދުން ދޫކޮށްލުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރަކީ ބާތިލް އަމުރެއް ކަމަށް ނިންމައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.
މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަތަރު ދުވަހަށް ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި 14 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ނަމަވެސް މި މީހުންގެ ތެރެއިން އަށް މީހަކު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. އޭގެ ތެރޭގައި ރުޝާން އަހުމަދު ދީދީވެސް ހިމެނެ އެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ރުޝާން ދޫކޮށްލާފައިވަނީ ޝަރުއީ އަދި ގާނޫނުގެ އުސޫލުތަކާއި އެއްގޮތަށް ނޫން ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި މި މައްސަލަ ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އަދި އޭނާ އާއި ދެކޮޅަށް ގިނަ ހެކިތަކެއް ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.
މި މައްސަލާގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ރުޝާން ބަންދުން ދޫކޮށްލީ، ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ކަމުގައި ވިޔަސް، އޭގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިތުރުކުރީ އެކަށީގެންވާ ހެކި ހުރި ކަމަށެވެ. އަދި މި މަރުހަލާގައި އެ ކޯޓުން ބަލަން ޖެހޭނީ ކުށް ސާބިތުވާ ވަރަށް ހެކި ހުރުންތޯ ނޫން ކަމަށް ވެސް ހުކުމުގައި ވެ އެވެ. އަދި ފުލުހުން ރުޝާންއާ ދެކޮޅަށް ހެކި ހުށަހަޅާފައިވުމުން، އޭނާ މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖްތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ އިއްތިފާގުވެފަ އެވެ.
މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަކީ، ފަނޑިޔާރު އަލީ ސަމީރާއި، ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހާތިފް ހިލްމީ އެވެ.