ހައިކޯޓް

ޑްރަގު ވިޔަފާރި ކުރާ މީހަކު ދޫކޮށްލީ ރަނގަޅަކަށް ނޫން: ހައިކޯޓު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކު ދޫކޮށްލުމަށް ހއ. މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުނީ ގޯސްކޮށް ކަމަށް ކަނޑައަޅައި ހައިކޯޓު އެ އަމުރު ބާތިލްކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ހއ. ހޯރަފުށީ އިބްރާހީމް މުހައްމަދު ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މިދިޔަ ސެޕްޓެމްބަރު ހަތްވަނަ ދުވަހު އެވެ.

މިމައްސަލައިގައި ދައުލަތުން އިބްރާހީމް މުހައްމަދު ބަންދުގައި ބަހައްޓައިދިނުމަށް ހޯރަފުށި ކޯޓުގައި ދެ ފަހަރު އެދުމުން ބަންދުގައި ބަހައްޓައިދިނެވެ. ނަމަވެސް އިބްރާހީމް މުހައްމަދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތިންވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ހޯރަފުށި މެޖިސްޓްރޭޓް ކޯޓުން ވަނީ ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

އިބްރާހީމް މުހައްމަދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުން އެދިފައިވަނިކޮށް ދަށު ކޯޓުން އޭނާ ދޫކޮށްލުމުން ދައުލަތުން ވަނީ ދަށު ކޯޓުގެ އަމުރު ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ހައިކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހޯރަފުށި މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ބާތިލްކޮށްފަ އެވެ. އަދި އިބްރާހީމް މުހައްމަދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހަތް ދުވަހުގެ ތެރޭގައި އަލުން ހުށަހަޅައިފިނަމަ އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށްވެސް ހައިކޯޓުގެ އަމުރުގައިވެ އެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީހުގައި ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުޙައްމަދާއި، ފަނޑިޔާރު ދީބާނާޒު ފަހުމީގެ އިތުރުން ފަނޑިޔާރު އަހްމަދު ޝަކީލް އެވެ.