ޑައިމޯފިން ޓްރެފިކް ކުރި މައްސަލައެއްގައި ހެކި ހޯދި ގޮތް ގޯސްކަމަށް ކަނޑައަޅައި 16 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުއްޖަކު ހައިކޯޓުން މިނިވަންކޮށްފި އެވެ.
އެ ކުއްޖާ، ޑައިމޯފިން ޓްރެފިކް ކުރި ކަމަށް ސާބިތުވާ ކަމަށް ހުކުމްކުރީ ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ނެވެ.
ހައިކޯޓުގެ އިސްތިއުނާފުގައި ކުއްޖާ އާއި ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްވެސް އެދުނީ ދަށު ކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ.
ވެލިދޫ ކޯޓުގެ ހުކުމްގައިވަނީ މާޗް 10، 2016 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ކުއްޖާ ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށެވެ. ފުލުހުންގެ ތަހުގީގުގައި ސުވާލު ކުރުމުން ދައުވާ ލިބުނު ކުއްޖާގެ އަތުގައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ހުރި ތަންތަން ބުނި ކަމަށެވެ.
އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާ ބުނި ތަން ބަލައި ފާސްކުރިއިރު ފަޅުގެއެއްގެ މަގުފާރު ކައިރި ބިންމަތިން 210 ސެލޯފިންކޮޅުގައި 2.54 ގްރާމް ކެނެބިސް އަދި އެހެން ގެއަކުން ފަސް ރަބަރު ޕެކެޓުގައި 4.1 ގްރާމް ޑައިމޯފިން ހުރި ކަމަށް ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެލިދޫ ކޯޓުގެ ހުކުމްގައިވެ އެވެ.
ދައުލަތުން އެ ކުއްޖާއަށް ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ވެލިދޫ ކޯޓުން ވަނީ އެ ކުއްޖާ 16 އަހަރާއި އަށް މަސް ދުވަހަށް ޖަލަށް ލުމަށާއި 66،666.66 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފަ އެވެ.
ހައިކޯޓުން ފާހަގަކުރި އިސްތިއުނާފީ ނުކުތާ ތަކުގެ ތެރޭގައި ހާދިސާ ހިނގިއިރު އެ ކުއްޖާ 18 އަހަރު ނުފުރޭ ކަމާއި ހައްޔަރުކުރުމަށްފަހު ތަހުގީގުގައި ސުވާލުކުރީ ކުއްޖާގެ މައްސަލަހަތު ހިމާޔަތް ކުރެވޭނެ ފަރާތެއްގެ ހާޒިރުގައި ނޫންކަން ހިމެނެ އެވެ. މީގެއިތުރުން މައްސަލައިގައި ހެކި ގަރީނާ ހޯދީ ގާނޫނުއަސާސީ އާއި ހިލާފަށްކަން ފާހަގަކޮށްފައިވެ އެވެ.
ކުއްޖާ ހައްޔަރުކުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށާއި ބަންދުގައި ބަހައްޓާފައިވަނީވެސް ފުލުހުންނަށް ލިބޭ ގާނޫނީ ބާރުތަކާއި އިހުތިޔާރުގެ ބޭނުން ހިފުމާ ބެހޭ ގަވާއިދާ ހިލާފަށްކަން ފާހަގަކޮށްފައިވެ އެވެ.
ހައިކޯޓުގައި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދު އާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ. ވެލިދޫ މެޖިސްޓްރޭޓު ކޯޓުގެ ހުކުމް ބާތިލުކުރުމަށް ހުސައިން މަޒީދުގެ ރައުޔަށް ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ތާއީދު ކުރެއްވި އެވެ.