ހައިކޯޓް

ޑްރަގު މައްސަލައިގައި ހިމެނޭ މީހުން ބަންދުން ދޫކޮށްލުން ގޯސް

May 28, 2023

ރާއްޖެ އެތެރެކުރި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެ ދިވެހިން ބަންދުން ދޫކޮށްލުމުގައި ކްރިމިނަލް ކޯޓުން ނިންމުން ގޯސް ކަމަށް ހައިކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

ދުބާއީ އިން ރާއްޖެ އައި ސްވިޒަލެންޑްގެ މީހަކު އިތުރުބަޔަކާ ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދެ ދިވެހިން ހައްޔަރުކުރީ ޑިސެމްބަރު 24، 2022ގަ އެވެ.

އޭގެ ފަހުން އެ ދެ މީހުންގެ ބަންދުގެ މުއްދަތު އެކި ފަހަރުމަތިން އިތުރުކޮށްފައިވެ އެވެ.

އެ މީހުންގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލީ މިދިޔަ މަހު އެވެ.

ހައިކޯޓުން މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސައިން މަޒީދު އެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް ހައިކޯޓުން ކުރި ހުކުމްގައި ވަނީ މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ބަންދުކުރަން އެދި ހަތް ދުވަސް ތެރޭގައި ކަމާބެހޭ ދަށު ކޯޓަކަށް ހުށަހަޅައިފިނަމަ އެކަމުގައި ގޮތެއް ނިންމުމަށް އަންގާފަ އެވެ.