ހަބަރު

މަލް، ބަންދުން ދޫކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ހައްޔަރުކޮށް ބަންދު އިތުރު ކުރުމަށް ކުރިމިނަލް ކޯޓުން ގެންދިޔުމުން ދޫކޮށްލަން ނިންމައި ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފި އެވެ.

މަލް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި އެހެން އަންހެނަކާއެކު އެވެ. މަލްއާއެކު ދެން ހައްޔަރުކުރި އަންހެން މީހާ ވެސް ކުރިމިނަލް ކޯޓުން ދޫކޮށްލި އެވެ.

ކުރިމިނަލް ކޯޓުން މަލްގެ ބަންދު ޖަހައިނުދިން ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާއާއެކު ހައްޔަރުކުރި އަނެއް މީހާ ވެސް ދޫކޮށްލާފައިވުމެވެ. ކުރިމިނަލް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހި ދައުލަތުން ހައިކޯޓަށް ދިޔަ އެވެ.

ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމްގައި ބުނީ މަލް ހައްޔަރުކޮށްފައިވަނީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގަ ކަމަށާއި އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ބަންދުގެ މަޖިލީހަށް ހެކި ހުށަހަޅާފައިވާކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން އެފަދަ ތުހުމަތެއް ކުރެވޭ މީހަކު ދޫވެފައިހުރުމަކީ މުޖުތަމައުއަށް ނުރައްކާ ކުރާނެ ކަމެއް ކަމަށް ހުކުމްގައިވެ އެވެ.

އެހެންވެ، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ކުރިމިނަލް ކޯޓުގެ އެ އަމުރު ބާތިލް ކުރާށެވެ. އަދި މަލް ބަންދުގައި ބެހެއްޓުމަށް ދައުލަތުން އަލުން ކުރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، ހައިކޯޓުން ކަނޑައެޅި ކަންކަމަށް ރިއާޔަތްކޮށް ބަންދާމެދު ގޮތެއް ނިންމެމަށް ކުރިމިނަލް ކޯޓަށް ހައިކޯޓުން އެންގި އެވެ.

މަލްގެ މައްސަލާގެ ޝަރީއަތް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. ދަށު ކޯޓުގައި ޝަރީއަތް ކުރިއަަށްދާ މައްސަލަތަކުގެ ބަންދު އަމުރުތައް ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ބަންދާމެދު މިހާރު އެ ކޯޓުން ގޮތެއް ނުނިންމަ އެވެ. އޭގެ ބަދަލުގައި އަމުރާމެދު ގޮތެއް ނިންމުމަށްފަހު ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އެ މައްސަލައެއްގެ ޝަރީއަތް ހިންގަވާ ދަށުގެ ކޯޓުގެ ގާޒީގެ އަތް މައްޗަށް ދޫކޮށްލަ އެވެ.

މި މައްސަލާގައި މަލް ދޫކޮށްލާފައި ހުއްޓައި، އެހެން މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގައި ބެހެއްޓި އެވެ. ނަމަވެސް މިހާރު އޭނާ ވަނީ ދޫކޮށްލާފަ އެވެ. އެ މައްސަލާގައި ވެސް އޭނާގެ މައްޗަށް ވަނީ ދައުވާއެއް އުފުލާފަ އެވެ.

މަލްއަކީ "ވަފާތެރިކެހިވެރިޔާ" ނަމަކަށް ކިޔާ ފިލްމަކުން މަޝްހޫރުކަން ހޯދި ތަރިއެކެވެ. އޭގެ ފަހުން ބައެއް ލަވަތަކުންނާއި ޑްރާމާތަކުން މަލް ފެނިގެންދިޔަ އެވެ. ނަމަވެސް މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ ފިލްމީ ދާއިރާއާ ދުރަށް ގޮސްފަ އެވެ.