ހަބަރު

130 ކިލޯގެ ޑުރަގް އެތެރެކުރި ޝަހީބު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމް 42، ޝަރީއަތް ނިމެން ދެން ބަންދު ކުރަން އެދެފި އެވެ.

ކަންނެލި ދޯންޏެއްގައި މިދިޔަ މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިިމެނޭ ޝަހީބް ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ޝަހީބް އިބްރާހީމް ގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއްކަމަށް ކަނޑައެޅިފައި އޮތްއޮތުމުގެ މައްޗަށާއި، މި މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތުކުރުމަށް ލިބިފައިވާ ހެކި ގަރީނާގެ މައްޗަށާއި އަދި މިފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ބަންދުގައި ބޭތިއްބުމަށް ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާއިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތު އެ ގޮތުގައި އޮއްވާ އޭނާ ބަންދުން ދޫވުމަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއްކަން އެނގޭ ކަމަށެވެ. އެހެން ކަމުން މި މައްސަލަ ބެއްލެވި ހަތަރު ފަނޑިޔާރުންގެ އިއްތިފާގިުން ވަނީ ޝަރީއަތް ނިމެންދެން ޝަހީބު ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފަ އެވެ.

އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރަކަށްހުރި ޝަހީބުގެ މި ޑްރަގް ނެޓްވޯކުގައި އިތުރު ބަޔަކު ވެސް ހިމެނެ އެވެ. ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންގައި ހަތް މީހަކު ހައްޔަރު ކުރި އެވެ. މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.