އަފްޣާނިސްތާނުގެ އިރުމަތީ ނަންގަރްހާރް ޕްރޮވިންސްގައި ތިބި އައިސިސްގެ 50 އަށް ވުރެ ގިނަ ހަނގުރާމަވެރިން އަމާންދީފި ކަމަށް ތާލިބާނުން ހޮނިހިރު ދުވަހު ބުނެފި އެވެ.
ޕްރޮވިންސްގެ ވެރިރަށް ޖަލާލްއާބާދުގައި ހުންނަ ތާލިބާނުންގެ އިންޓެލިޖެންސް ހެޑްކުއާޓާޒްގެ ރަސްމީ ބަޔާނެއްގައި ބުނެފައިވާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ 55 ހަނގުރާމަވެރިއަކު ހަތިޔާރު ވަނީ ބަހައްޓާފަ އެވެ.
ތާލިބާނުންގެ ހަނގުރާމަވެރިން ޓެރަރިސްޓުންގެ ކިބައިން އަފްޣާން ސާފުކުރަން މަސައްކަތް ފަށާފައިވަނީ ބައިނަލްއަގްވާމީ މަޝްރަހުގައި ތާލިބާނުންގެ އަގުމަތިކުރުމަށެވެ.
ދުނިޔޭގެ ގައުމުތަކުން ބުނަމުން ގެންދަނީ ތާލިބާނުން އެއްވެސް ގޮތަކަށް ޓެރަރިސްޓް ގުރޫޕްތަކާ ގުޅުން ބާއްވާނަމަ ތާލިބާނުންނަށް އެހީތެރި ނުވާނެ ކަމަށެވެ. އެހެންނަމަވެސް. ބުނާ ބަސް އަމަލުން ސާބިތުރުމުން މެނުވީ ތާލިބާނުން ބަލައިގަތުމާ ބެހޭ ގޮތުން ނުވިސްނާނެ ކަމަށެވެ.
ތާލިބާނުން އަފްޣާންގައި ވެރިކަން ކުރަން ފެށި ފަހުން އައިސިސްއާ ގުޅުން އޮންނަ ހަނގުރާމަމެރިން ގެންދަނީ ގެއްލުން ބޮޑު ހަމަލާތައް ދެމުންނެވެ. މީހުން އެއްވެ އުޅޭ ތަންތަނަށް ވަދެ ޖާނު ގޮއްވާލައި އެތައް ބަޔަކު މިހާރު ވެސް ވަނީ މަރާލާފަ އެވެ.
އަފްޣާންގައި ވަގަށް ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކަށް ތާލިބާނުން ދޭ އިންޒާރަކީ އަނިޔާވެރި ހަމަލާތައް ދޭނަމަ އެބަޔަކު ތިބިތަނަކުން ހޯދައި އިންސާފު ގާއިމުކުރެވޭނެ ކަމެވެ. އެނޫން ގޮތެއްގައި އަމާންކަމާއެކު އަފްޣާންގައި އުޅެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ތާލިބާނުން އަފްޣާންގައި ވެރިކަންކުރަން އެދޭ ނަމަ އޮތް ގޮތަކީ ދުނިޔެއަށް އިޖާބަދިނުން ކަމަށް ވެސް ގައުމުތަކުން ބުނެ އެވެ. އެގޮތުން އިންސާނީ ހައްގުތައް ކަށަވަރުކުރުމާއި ކަނބަލުންނަށް އުނގެނުމާއި ވަޒީފާ އަދާކުރެވޭނެ ގޮތް ހެދުން ހިމެނެ އެވެ.