ހުޅުދުއްފާރު

ހުޅުދުއްފާރުގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

Nov 7, 2021

ރ. ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފި އެވެ.

ހުޅުދުއްފާރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

މިރަސްމިއްޔާތު ފެށުމުގެ ގޮތުން، ފުލުހުންގެ ނޯތު ޕޮލިސް ރީޖަނަލް ކޮމާންޑަރުގެ ޑެޕިއުޓީ އެއްގެ މަގާމުގައި ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަލްމަރުހޫމް އިސްމާއީލް ނަދީމްގެ ހަނދާނުގައި އެއް މިނެޓުގެ ހަމަހިމޭން ވަގުތުކޮޅެއް ގެނެސްފައިވެ އެވެ.

މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ ލީޑަޝިޕުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި އެގޮތުން ރައްޔިތުންނާ ގާތުން ރައްޔިތުންނާ ގުޅިގެން އެކުވެރިކޮށް މަސައްކަތްކުރުމުގެ ވިސްނުމުގައި ފުލުހުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އަވަށްޓެރި ފުލުހުންގެ ފަލްސަފާ އަކީ އޭގެ ތެރެއިން ރައްޔިތުންނާ ކޮންމެ ދުވަހަކު ދިމާވާ ކަންކަން ރައްޔިތުންނާ އެކުގައި ތިބެގެން މަޝްވަރާ ކުރެވިގެން ހާއްސަކޮށް މުއައްސަސާތަކާ އެކުގައި ވަކިކަހަލަ ޓީމްތަކާއި ގުރޫޕުތައް ހެދިގެން ދެވިގެންދާނެ ހިދުމަތެއް ކަމުގައި ވިދާޅުވި އެވެ.


މިރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހުޅުދުއްފާރުގައި ގާއިމުކުރި ޕޮލިސް ޕޯސްޓަކީ ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގައިވާ ކަންކަން ހާސިލުކޮށް އަމާޒަށް ވާސިލުވުމަށް ކުރިއަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި 2019 ވަނަ އަހަރު ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން ކަނޑައެޅި އިރު އިސްކަންދޭނެ ހަ ކަމެއް ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި ލޯކަލް ޕޮލިސިން ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ފުލުހުން ގާއިމުވެ ދެމުން ގެންދާ އަދި ކުރިއަށް އޮތް ތަނުގައި ދޭން ފަށާނެ ހިދުމަތްތަކަށް އިތުރު އަހަންމިއްޔަތު ކަމެއް ދިނުމުގެ މަގުސަދުގައި ކަމަށްވެސް ވިދާޅުވި އެވެ.

ސީޕީ ހަމީދު ވިދާޅުވީ ހުޅުދުއްފާރުގައި ޕޮލިސް ޕޯސްޓް ގާއިމުވެ ހިދުމަތް ފެށުމާއެކު މީގެކުރިން ރ. އުނގޫފާރުން ފުލުހުން އައިސް ދޭން ފެށި ހިދުމަތް މިއަދުން ފެށިގެން ނިމުމަކަށް އައިސް ހުޅުދުއްފާރު ރައްޔިތުންނަށް ދެން ހިދުމަތް ލިބިގެންދާނީ ރައްޔިތުންނާ ގާތުން ރަށުގެ ކައުންސިލާއި މުއައްސަސާތަކާ ގުޅިގެން ކަމަށެވެ.

މިރަސްމިއްޔާތުގައި ހޯމް މިނިސްޓަރާއި ފުލުހުންގެ އިސްވެރިންގެ އިތުރުން ހުޅުދުއްގާރު ކައުންސިލްގެ ރައީސް އާއި ކައުންސިލް މެމްބަރުންނާއި ރަށުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ބައެއް އާންމުންވެސް ބައިވެރިވި އެވެ.