އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސްތައް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފި އެވެ.
މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން ނާއިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވީ މިއަދުން ފެށިގެން ބުދަ ދުވަހާ ހަމައަށް ބަޖެޓުގެ ބަހުސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ބަހުސް ރޭގަނޑުވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
ބަޖެޓުގެ ބަހުސްގައި ކޮންމެ މެމްބަރަަކަށް ވެސް ލިބިވަޑައިގަންނަވާނީ 15 މިނެޓެވެ. އަދި ބަޖެޓުގެ ރިޕޯޓު ނިންމުމަށް ފަހު ކުރާ ބަހުސްގައި ކޮންމެ މެމްބަރަކަށް ވެސް އިތުރު ހަތް މިނެޓް ލިބިވަޑައިގަންނަވާނެ އެވެ.
އަދި ބަޖެޓު ބަހުސްގެ މަރުހަލާގެ ތެރެއިން ބަޖެޓާ ބެހޭ ގޮތުން ޖަވާބުދާރީވެ، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ފިނޭންސް މިނިސްޓަރަށް ޖުމްލަ 45 މިނެޓު ލިބިވަޑައިގަންނަވާނެ އެވެ.
ބަޖެޓު ދިރާސާ ކުރާނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ ހުރިހާ މެންބަރުން ހިމެނޭ ޖޮއިންޓް ކޮމިޓީ އަކުންނެވެ. ބަޖެޓު ދިރާސާކުރުމަށް އެންމެ ލަސްވެގެން ނޮވެމްބަރު 18 ވަނަ ދުވަހުގެ ކުރިން ބަޖެޓު ކޮމިޓީގެ ރިޕޯޓް ރިޔާސަތަށް ފޮނުވަންޖެހެ އެވެ. އަދި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުން ނޮވެމްބަރު 22 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުން އަންނަ އަހަރު 34 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާއިރު އޭގެތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 24.8 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ. އަންނަ އަހަރުގެ އާމްދަނީއަށް ބަލާއިރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ހަ ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން 2.9 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ވެސް ސަރުކާރުން ލަފާކުރެ އެވެ.