ފިންލޭންޑްގައި މިހާރު ދެމުން އަންނަ ސޯޝަލް އިނާޔަތްތައް ކަނޑާލައި، ކޮންމެ ރައްޔިތަކަށް މަހަކު 800 ޔޫރޯގެ އިނާޔަތެއް ދިނުމަށް އެ ގައުމުގެ ސަރުކާރުން މަސައްކަތްތަކެއް ފަށައިފި އެވެ.
އެ ޕޮލިސީއާ ގުޅޭ ގޮތުން ފިންލޭންޑްގެ ސޯޝަލް އިންޝްއަރެންސް އިންސްޓިޓިއުޓް އިން އާންމުންގެ މެދުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓްގައި 69 ޕަސެންޓް ރައްޔިތުން ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ. ރައްޔިތުންގެ ގިނަ ބައެއްގެ ރުހުން ލިބިފައިވާ އެ ޕޮލިސީގެ ދަށުން އެންމެ ފުރަތަމަ އަޖުމަ ބެލުމުގެ ގޮތުން އާންމުންނަށް ދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ފަހު، ކޮންމެ ރައްޔިތަކަށް މަހަކު ދޭނީ 550 ޔޫރޯ އެވެ. އަދި އެއަށް ފަހު ނަތީޖާ ނުކުންނަ ގޮތަކަށް ބަލައި އިނާޔަތްތައް އެކީ އުނިކޮށް 800 ޔޫރޯ ކޮންމެ މީހަކަށް ދޭން ވަނީ ރާވައިފަ އެވެ. އެއީ އާމްދަނީ ވާނީ ޓެކްސީ ފްރީ އެއްޗަކަށެވެ.
މި ޕޮލިސީއަށް އެ ގައުމުގެ ބޮޑު ވަޒީރުގެ ފުރިހަމަ ތާއީދު ވަނީ ހާމަ ކުރައްވައިފަ އެވެ. ބޮޑު ވަޒީރު ވިދާޅުވަނީ އެގޮތަށް ހަމަޖެއްސުމުގެ ސަބަބުން އާންމުންނަށް އިނާޔަތް ދިނުމުގެ ނިޒާމު އޮޅުންބޮޅުން ވުމުން ސަލާމަތްވެ، ފަސޭހަވާނެ ކަމަށެވެ.
އެކަމަށް ތާއީދު އޮތް ނަމަވެސް، އެ ގައުމުގެ އިގްތިސާދުގެ ނާޒުގު ކަމާ ހުރެ މިފަދަ ޕޮލިސީއެއް ހިންގުމަށް އެ ގައުމުގެ އިގްތިސާދުގައި އެހާ ވަރު ހުންނާނެ ކަމަށް އިކޮނޮމިސްޓުން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެ އެވެ. މުޅި ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ އަޑި އަޅާލުމުގައި ފިންލޭންޑްގެ އިގްތިސާދަށް ކުރި އަސަރުތަކުން އަދިވެސް އެ ގައުމަށް އަރައި ނުގަނެވި އޮތް އިރު، މި އިނާޔަތުގެ ސަބަބުން ދައުލަތުގެ ހަރަދު އެތައް ބިލިއަން ރުފިޔާއަކަށް ބޮޑުވާނެ އެވެ. އޭގެ ސަބަބުން ގައުމުގެ ދަރަނި އަތް ނުފޯރާ ފަށަށް ދިޔުމުގެ ބިރު އޮންނާނެ އެވެ.
ފިންލޭންޑްގެ އާބާދީ އަކީ 5 މިލިއަން މީހުން ކަމަށްވާ އިރު، އެ އިނާޔަތް ދިނުމަށް އަހަރަކު 52.2 ބިލިއަން ޔޫރޯ ހޭދަ ކުރަން ޖެހޭނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އެކަމަކު ދައުލަތުގެ އާމްދަނީ އަށް ވެސް މިހާރު ލިބެނީ، 49.1 ބިލިއަން ޔޫރޯ އެވެ.
އެކަމަކު މިފަދަ ސްކީމްތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އެހާ ކާމިޔާބު ނަތީޖާތަކެއް ހޯދިފައި ހުރި ކަންތައްތަކެއް ނޫނެވެ.