އެމެރިކާއާ ޗައިނާގެ ލީޑަރުންގެ ތިން ވަނަ ސަމިޓެއް އަންނަ ހަފުތާގައި އޮންނާނެ އެވެ. މިއީ ދެ ގައުމުގެ މަސްލަހަތަށް މުހިންމު ބައްދަލުވުމެއް ކަމަށް ދެ ގައުމުން ވެސް ބުނެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވި ގޮތުގައި ގަދަ ދެބާރު ގުޅިގެން އެކުގައި މަސައްކަތް ކުރާނެ މާހައުލެއް މުހިންމެވެ. އޭނާ އަދި ވިދާޅުވީ ހައްލު ހޯދޭނެ ކަމަށް އޮތް އުންމީދު ވަރަށް ބޮޑު ކަމަށެވެ.
ޗައިނާއާ އެމެރިކާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޝީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޗައިނާ އެންމެ ލޯބި ކުރަނީ މަސްލަހަތަށް ކަމަށާއި އެމެރިކާއާއެކު ގާތް ގުޅުމެއް ދެމެހެއްޓުމަކީ އެންމެ އެދެވޭ ގޮތް ކަމަށެވެ.
އެމެރިކާ-ޗައިނާ ގުޅުންތަކާ ބެހޭ ގައުމީ ކޮމިޓީއަށް ޝީ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވާ ގޮތުގައި ޗައިނާއާ އެމެރިކާގެ ގުޅުން މިވަގުތު އޮތީ ބަލިކަށި ފައްތަރެއްގަ އެވެ. މިފަދަ ހާލަތެއް ތާރީޚުގައި ވެސް މަދު ކަމަށް ވެސް ވިދާޅު ވެފައިވެ އެވެ.
"އެކުވެރިކަމުން ދެ ގައުމަށް ވެސް ފައިދާ ކުރާނެ،" ޝީ ވިދާޅުވެފައިވެ އެވެ. އޭނާ އަދި ވިދާޅުވީ ދެކޮޅު ހަދައި ކުރިމަތިލުމުން ބަލިކަށިވެ ރޫޅުން ނޫން ކަމެއް ނުވާކަން ތާރީހު ހެކިދޭ ކަމަށެވެ.
އެ ސިޓީގައި ޝީ އިތުރަށް ވިދާޅުވެފައި ވަނީ ޗައިނާގެ އަމާޒަކީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތަކުގެ އިތުރުން ދުނިޔެއަށް ދިމާވެފައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ޗައިނާ-އެމެރިކާ ރަނގަޅު ގުޅުމެއް ދެމެހެއްޓުން ކަމަށެވެ.
މިސަބަބުތަކަށް ޓަކައި ވެސް ދެގައުމުގެ ދެމެދުގައި ހުރި ދެބަސްވުންތަކަށް ދާއިމީ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
ޝީ ޖިންޕިން އާއި ޖޯ ބައިޑަން އަންނަ ހަފުތާގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާ ކުރައްވާނެ އެވެ. މިދިޔަ މަހު ސްވިޒަލޭންޑުގައި ދެ ގައުމުގެ އިސް ޑިޕްލޮމޭޓުން ބައްދަލު ކުރައްވައި އަހަރު ނިމުމުގެ ކުރިން ދެ ރައީސުންގެ ސަމިޓަކަށް އޮތީ އެއްބަސްވެފަ އެވެ. ބައްދަލުވުން އޮންނާނެ ކަމަށް ބެލެވެނީ އަންނަ ހަފުތާގެ ބުދަދުވަހު އެވެ.