މީރާ

މިދިޔަ މަހު ދައުލަތުގެ އާމްދަނީ އިތުރު

Nov 11, 2021

މިދިޔަ މަހު މީރާ އިން އެއް ބިލިއިން ރުފިޔާ ބަލައިގެންފި އެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ލިބުނު އާމްދަނީއަށްވުރެ 155.7 ޕަސެންޓް އިތުރު އަދަދެކެވެ. އެެއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 39.2 ޕަސެންޓް އިތުރު އަދަދެއް ކަމަށް މީރާއިން ބުންޏެވެ.

މީރާ އިން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށްވުރެ މިއަހަރުގެ އޮކްޓޯބަރުގައި އާމްދަނީ އިތުރުވެފައި ވަނީ ޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވާތީ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރަށްވުރެ މިއަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 12 ގުނަ އިތުރުވެފައިވާ ކަމަށް މީރާ އިން ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 584.86 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 117.96 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 57.16 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 50.2 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 125.98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 38.20 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.