ދިވެހި ރައްޔިތުން ތިބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރުމަށް ވޯޓް ފޮށްޓާ ހަމައަށް ނުދެވިފައި ކަމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި އިދިކޮޅު ކޯލިޝަނުން ބާއްވާ ސިލްސިލް ޖަލްސާ ތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްދުދެއްވާފަ އެވެ.
ރައްޔިތުންނަށް ވީވައުދުތައް ފުއްދަވައިދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހަށް އެކަން ނުކުރެއްވޭނެ ކަމަށެވެ. އަދި އެމަނިކުފާނު ކުރައްވާ ހުރިހާ ކަމެއްގެ އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މަސައްކަތް ކުރެއްވުން ކަމަށް ދޭހަވާ ގޮތަށް ވެސް އަބްދުއްރަހީމް ވަނީ ވާހަކަދައްކަވާފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި ރައްޔިތުންނަށް މިއަދު ބޮޑެތި އަނިޔާތަކެއް ލިބިއްޖެ ކަމަށެވެ. އެކަންކަމަށް ރައްޔިތުން ތިބީ ހޭލާ ކަމަށާއި އެކަންކަމަށް ރައްޔިތުން ވިސްނާނެ ކަމަށެވެ.
ރައްޔިތުން މިސަރުކާރު މަތިން ފޫހިވެ އިތުބާރު ގެއްލިފައިވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންވެ މިވެރިކަން ބަދަލުކުރަން ރައްޔިތުން ބޭނުންވަނީ ވޯޓު ފޮށި ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މިސަރުކާރުގައި ރަނގަޅު ކުރަންޖެހޭ އެތައް ކަމެއް އެބަހުރި ކަމަށެވެ. އެގޮތުން ގައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ކުރާ ކަންކަން ހުއްޓާލުމަށް އަދުރޭ ގޮވާލެއްވި އެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށާއި ވައްކަމާއި ހިޔާނާތުގެ އަމަލުތައް ހިންގަމުން ގެންދާ ސަރުކާރުގެ ވެރިންނަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލެއްވި އެވެ.
މިނިވަންކަމުގެ ދިފާއުގައި އިދިކޮޅު ޕީޕީއެމް ކޯލިޝަނުން އިންތިޒާމު ކޮށްގެން މާދަމާ ބާއްވާ ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ގައުމު އަޅުވެތި ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އަޑުއުފުލުމަށް ވެސް އެދިވަޑައިގެންނެވި އެވެ.