ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމަށް ބަޔަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލާގައި އެ މަސައްކަތަށް ހުށަހެޅި ބިޑްތައް އިވެލުއޭޓް ކުރި ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުންނަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމް ނިންމަވައިފި އެވެ.
އެ މައްސަލަ އޭސީސީ ތަހުގީގުކުރުމަށްފަހު ދައުވާކުރަން ފޮނުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ހިމެނޭ ހަ މެންބަރެއްގެ މައްޗަށެވެ. އޭގެތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ ޝިމާޒު އަލީ އާއި ހަމަދު އަބްދުލްޣަނީ ވެސް ހިމެނެ އެވެ. ބިޑް ކޮމިޓީގައި ހިމެނޭ އިތުރު ބޭފުޅުންނަކީ އަލީ އިކްރާމް އާއި މުހައްމަދު ނިޒާރު އާދަމް އާއި މަރްޔަމް ސަމާހަތުގެ އިތުރުން މަރްޔަމް ތަސްލީމާގެ އެވެ.
އޭސީސީން މިދިޔަ ހަތަރު ވަނަ ދުވަހު ޕީޖީ އޮފީހުގައި އެދުނީ ބިޑް ކޮމިޓީގެ މެންބަރުންގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލައިދިނުމަށެވެ.
މައްސަލަ ތަހުގީގުކުރުމަށްފަހު އޭސީސީން މީގެކުރިން ހާމަކުރި ރިޕޯޓްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ބޭނުންކުރުމަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނަށް ބިޑް ހުށަހަޅާފައިވަނީ ތިން ކުންފުންޏަކުން ކަމަށެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީން އެ ޕްރޮޖެކްޓް ހަވާލުކުރުމަށް ނިންމާފައިވަނީ ބިޑު އިވެލުއޭޝަން ކްރައިޓީރިއާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން ދެވަނަ އަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.
ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ބިޑު އެވޯޑު ކުރުމަށް ބިޑު ކޮމިޓީން ނިންމާފައިވަނީ އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ކުންފުނިން ހުށަހެޅި އަގުތައް ކުޑަ ނަމަވެސް އެ ކުންފުނިން އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ އެކުންފުނީގެ ބިޑު ބާތިލު ކުރުމަށް ފަހުގައެވެ. އޭގެ އިތުރުން ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ބިޑާއެކު ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކަށްވުރެ އަނެއް ދެ ކުންފުނިން ހުށަހަޅާފައިވާ ސާމްޕަލް ބޯޑުތަކުގެ ކޮލިޓީ ދަށް ކަމަށާއި މައުލޫމާތު ކަރުދާހުގެ އެނެކްސް އެކެއްގައި ބަޔާންކުރާ ސާމްޕަލް ނަންބަރު ބޯޑުތަކުގައި ހުންނަންޖެހޭ ޝަރުތުތަކާ އެއްގޮތަށް ސާމްޕަލް ނަންބަރު ބޯޑު ހުށަހެޅީ ހަމައެކަނި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ކަމަށް ވާތީ ކަމަށް ބުނެ އެވެ. އެހެންނަމަވެސް އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަން ޖެހޭ ކަމަށާއި ބިޑާއެކު ހުށަހަޅަންޖެހޭ ސާމްޕަލް ނަންބަރު ބޯޑުތަކުގެ ވަރުގަދަ މިނާއި ކޮލިޓީއަށް ބެލޭނެ ކަމަކަށް ވެސް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
ތަހުގީގުން ބެލިބެލުމުން ބިޑު ހުށަހެޅި ތިން ކުންފުނިން ވެސް ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކުގައި މައުލޫމާތު ކަރުދާހުގެ އެނެކްސް އެކެއްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ކަމަށްވެސް ބުނެފައިވެ އެވެ. މީގެ އިތުރުން އިއުލާނާ ގުޅޭ ލިޔުންތައް ބިޑުތަކާއެކު ބިޑު ކޮމިޓީއަށް ހުށަހެޅިފައިވާކަމާއި ބިޑު އެވޯޑު ކުރުމުގައި އެ ލިޔުންތަކާ މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަހުގީގުން އެނގޭ ކަމަށެވެ. އެހެންކަމުން މި އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެ ކުންފުންޏަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.
އަދި މި މައްސަލައަކީ މާޗް 5، 2020 ގައި އޭސީސީން މައްސަލައާ ގުޅޭ މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސާ ހިއްސާކޮށް މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާ މައްސަލައެއްކަންވެސް އޭސީސީން ފާހަގަކޮށްފައިވެ އެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސުން މައްސަލަ ބަލައި އެ ޕްރޮޖެކްޓް ކުރިއަށް ގެންދަންވާނީ ނޭޝަނަލް ޓެންޑާ ބޯޑުން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް އަންގާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑާ އެކު ގާއިމްކޮށްފައިވާ އެ އެއްބަސްވުން އެޕްރީލް 15، 2021 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބާތިލުކޮށްފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.
ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުންނަށް ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމާ އޭސީސީއަށް އެކަން އަންގާފައިވާނެ ކަމަށެވެ. މައްސަލައިގައި ދައުވާ ނުުކުރަން ނިންމެވި ވަކި ސަބަބެއް ޕީޖީ ވިދާޅުވެފައެއް ނުވެ އެވެ.
ފިނޭންސް މިނިސްޓްރީން މީގެކުރިން ބުނެފައިވާ ގޮތުގައި ނަމްބަރު ޕްލޭޓް ހެދުން ޓްރާންސްޕޯޓް މިނިސްޓްރީން ވަސާޖިއޯއާ ހަވާލުކޮށްފައިވަނީ މާލިއްޔަތު ގަވާއިދުގެ 10.28 ވަނަ މާއްދާއާ ހިލާފަށެވެ. އެ މާއްދާގައިވާ ގޮތުން ޓްރާންސްޕޯޓަށް އެ މަޝްރޫއު އިއުލާންކޮށްގެން ބަޔަކާ ހަވާލެއް ނުކުރެވޭނެ އެވެ. ސަބަބަކީ ޕްރޮޖެކްޓުގެ ޖުމްލަ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާތީ އެވެ. އެފަދަ މަޝްރޫއުތައް ވަކި ބަޔަކާ ހަވާލުކުރަން ޖެހެނީ ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށެވެ.