ޓޫރިޒަމް

ރިސޯޓު މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދޭން ހިސާން ގޮވާލައްވައިފި

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ގޮވާލައްވައިފި އެވެ.

ހިސާން މިފަދައިން ގޮވާލެއްވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

ހިސާން ވިދާޅުވީ ކޮވިޑާ ގުޅިގެން އެތައް ރިސޯޓަކާއި ގެސްޓުހައުސްތަކުގެ އޮކިއުޕަންސީ ދަށްވެގެން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ރަށަށް ފޮނުވާލި ކަމަށެވެ.

ނަމަވެސް އެ ހާލަތުން އަރައިގަނެ ރިސޯޓުތަކާއި ގެސްޓު ހައުސްތައް ފުރުނު އިރުވެސް އެތަންތަނުގައި މަަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާތަކަށް ނުދެވޭތީ ހިސާން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އެމީހުން އަދިވެސް ރަށުގައި މަޑުކޮށްލައިގެން އެބަ ތިބި. ރިސޯޓުތަކުގެ 90 ޕަސެންްޓް އޮކިއުޕަންސީގައި 95 ޕަސެންޓް އޮކިއުޕަންސީގައި. ރިސޯޓުތަކުގައި މަސައްކަތް ކުރަނީ މުވައްޒަފުންގެ 40 ނުވަތަ 30 ޕަސެންޓް ލައިގެން. ރޭގަނޑު ޑިއުޓީ އަދާކުރަން ނިކުންނަ ކުއްޖާ ހެނދުނު ޑިއުޓީ އަދާކޮށްފަ މެންދުރު ޑިއުޓީ އަދާކޮށްފަ ހަވީރު ކިރިއާ ބްރޭކެއް ލިބޭވަރުވަނީ. ހެނދުނު ޑިއުޓީއަށް ނުކުންނަ ކުއްޖާ ދަންވަރު ކިރިޔާ ކޮޓަރިއަށް ދެވެނީ ނިދާލަން" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ރިސޯޓު މުވައްޒަފުންގެ ހައްގުތަށް ކަށަވަރުކުރަން ރެގިއުލޭޓަރީ ފްރޭމްވޯކް ހަރުދަނާކުރަން ޖެހޭ ކަމަށާއި މަސައްކަތްތެރިންގެ ހައްގުގައި ވާހަކަ ދައްކަން އަޅުގަނޑުމެން ފަސްޖެހިގެން ނުވާނެ ކަމަށެވެ. އަދި އިގްތިސޯދަށް އަންނަ ބަދަލާއެކު މުވައްޒަފުންނަށް ލިބިދޭން ޖެހޭ ހައްގުތައް ލިބިދޭ ހައްގުތައް ކަށަވަރުކުރަން ޖެހޭ ކަމަށާއި ހާއްސަ ސަމާލު ކަމެއް ދީގެން ރިސޯޓު މުވައްޒަފުންގެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ.