ވަޒީފާގެ ގަޑި ނިމުމުން ވަކި ތަނެއްގައި ހުރުމަށް މަޖުބޫރު ކުރެވިގެން ނުވާނެ ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޑިއުޓީ ގަޑި ނިމުމުން ރިސޯޓްް ދޫކޮށް ދެވޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ އާދީއްތަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. ހިސާން ހުސެއިންގެ އެ އިސްލާހުގައި ބުނެފައި ވަނީ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށް ވެސް ލިބިގެންވާ ކަމަށެވެ.
އަދި ރިސޯޓް ދޫކޮށް ދިއުމަށް ރިސޯޓްގެ އުޅަނދުފަހަރު ނޫން އުޅަނދުތައް ވެސް ބޭނުން ކުރުމުގެ ހުއްދަ ލިބޭނެ އެވެ. އެގޮތުން އެމީހުން ދަތުރުކުރަން ބޭނުންވާ އުޅަނދު ރިސޯޓަށް ވަނުން މެނޭޖްމަންޓަށް މަނައެއް ވެސް ނުކުރެވޭނެ އެވެ.
އެ އިސްލާހު ފާސް ކުރުމާއި ގުޅިގެން މަޖިލީހުގެ ކުރީގެ މެންބަރު އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވަނީ ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ދުލަށް އަންނަހާ އެއްޗެއް ވައުދަށްވެ އެ ވައުދުތައް ގާނޫނަށްވުމަކީ ހުދުމުހުތާރު އަދި ނުރައްކާތެރި ސިގުނަލެއް ކަމަށެވެ.
ނިޒާރުގެ ވާހަކަތަކާއި ގުޅޭގޮތުން އަވަސްގައި ލިޔެފައިވާ ހަބަރަކާއެކު ހިސާން ކުރެއްވި ޓްވީޓެއްގައި ނިޒާރަށް ވަނީ ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކަފަ ދަނޑުތަކާއި ބޯޓްދެލި މައިންތަކުގައި އަޅު މީހުން ގެންގުޅުނުހެން މުވައްޒަފުން ބަންދު ކޮށްގެން ރިސޯޓްތަކުގައި ގެންގުޅެވިދާނެ ކަމަށް ގަބޫލުކޮށް ވާހަކަ ދެއްކުމަކީ މާބޮޑު ނުރައްކަލެއް ކަމަށެވެ.
"ވަޒީފާ ގަޑި ނިމުމުން ވަކި ތަނެއްގައި ހުރުމަށް މަޖުބޫރު ކުރެވިގެން ނުވާނެ. މިއީ 2020 ވަނަ އަހަރު،" ހިސާންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ހިސާންގެ އިސްލާހު ފާސް ކުުރުމާއި ގުޅިގެން ރިސޯޓްތަކުގެ ބައެއް ވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ވިދާޅުވީ "ނައިޓަށް ދެވޭ" އިސްލާހަކީ އިންސާފެއް ނެތް އިސްލާހެކެވެ. އަދި މިއީ އިންވެސްޓަރުންގެ ވިޔަފާރިއަށް ބެލުމެއް ނެތި ވުޖޫދުކުރި އިސްލާހެކެވެ. އޭގެ ސަބަބުން އިންވެސްޓްމަންޓްތަކަށް ބުރޫ އަރާނެ އެވެ. އަންނަން ހުރި އިންވެސްޓްމަންޓްތައް ހުއްޓޭނެ ކަމަށެވެ.
އަދި ރާއްޖެއަކީ ފަތުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވުމުގައި ފަތުރުވެރިންގެ ސެކިއުރިޓީއާއި ޕްރައިވެސީ ވަރަށް މުހިންމު ދައުރެއް އަދާކުރާއިރު މި އިސްލާހުން އެކަންކަން ގެއްލިގެންދާ ކަމަށެވެ.
މީގެ އިތުރުން ރިސޯޓްތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒިފުންވެސް ވަނީ ހިސާންގެ އިސްލާހާއެކު އަންނާނެ ބަދަލުތަކަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ. އެ އިސްލާހު މަޖިލީހުން ފާސްކޮށްފައިވާއިރު މުވައްޒިފުން ރިސޯޓުތަކުން ރަށަށްދާންވީ އަމިއްލަ ހަރަދުގައިތޯ ނުވަތަ ރިސޯޓްތަކުން ހަމަޖައްސައިދޭ އުސޫލެއްގެ ތެރެއިންތޯ މުވައްޒިފުން ސުވާލު އުފައްދައެވެ.
ބައެއް މީހުންގެ ނަޒަރުގައި މިއީ ވަކި ބަޔަކަށް ހަދައިިދިން ގާނޫނެވެ. އަދި މިއީ މުވައްޒިފުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން ގެއްލުވާލި ގާނޫނެކެވެ.