އިދިކޮޅު ފަރާތްތައް

އާމްދަނީ ނުލިބޭނެ، ބަޖެޓް ކުޑަކުރޭ: އިދިކޮޅު

އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައި ޖަހާފައިވާ އަދަދަށް އާމްދަނީ ނުލިބޭނެ ކަމަށާ ބަޖެޓް މިހާރު އޮތް ގޮތަށް ފާސްކުރަން ތާއީދު ނުކުރާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ސަރުކާރުން ހުށައަޅާފައިވާ 2022 ވަނަ އަހަރުގެ ބަޖެޓާއި މެދު ހުރި ކަންބޮޑުވުންތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ އަންނަ އަހަރު 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި ވީނަމަވެސް އެ އަދަދަށް އާމްދަނީ ނުލިބޭނެ ކަމަށެވެ. ސަލީމް ވިދާޅުވީ އެންމެ ގިނަ ވެގެންވެސް ދައުލަތަށް ލިބޭނީ 20 ނުވަތަ 22 ބިލިއަން ރުފިޔާ ކަމަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި މިހާރު އޮތްގޮތަށް ބަޖެޓް ފާސްކޮށްފިނަމަ ރާއްޖޭގެ ދަރަނީގެ އަދަދު އިތުރު 14 ބިލިއަނަށް އިތުރުވީ އެވެ.

"މި ސަރުކާރު ފެށުނީއްސުރެ ކޮންމެ އަހަރަކު އެވްރެޖްކޮށް 13 ބިލިއަން ރުފިޔާގެ ދަރަނި އެބަ އުފައްދާ. އެހެން ކަމުން މިދިޔަ ތިން އަހަރުތެރޭ 49 ބިލިއަން ރުފިޔާގެ ދަރަނި މިވަނީ އުފެދިފައި. ރާއްޖޭގެ ތާރީހަށް ބަލާއިރުގައި ރައީސް ޔާމީންގެ ދައުރުގައި 22 ބިލިއަން އަދި އޭގެ ކުރީގެ އަޅުގަނޑުމެން ރީތިކޮށް ދަންނަވާލާނަމަ ދަންނަވާލަން ޖެހޭނީ މި ގައުމަށް މިނިވަންކަން ލިބުނު ތާރީހުން ފެށިގެން ރައީސް ޔާމީންގެ ދައުރު ނިމުމާ ހަމައަށް ދަރަންޏަކީ 42 ބިލިއަން ރުފިޔާ. މި ބޭފުޅުންގެ ތިން އަހަރުގައި 48 ބިލިއަނަށް މިވަނީ އަރާފައި،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މި އަހަރުގެ ބަޖެޓް މަޖިލީހަށް ހުށައެޅިއިރު ރައީސް ސޯލިހާއި ރައީސް ނަޝީދަށްވެސް ބަޖެޓްގައި އޮތް އެއްޗެއް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. މި ބަޖެޓަކީ ތިންވަނަ ފަރާތަކާއި ހަވާލުކޮށްގެން ހަދާފައިވާ ހަމައެއް ނެތް ބަޖެޓެއް ކަަމަށްވެސް ރާއްޖޭހެ މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވިއެވެ.

މި ބަަޖެޓް ހެދިއިރު މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ރާއްޖެއިން ބޭރުގައި. މަޖިލީހުގެ ރައީސް ނަޝީދު ހުންނެވީ ބޭރުގައި. މީގަ އޮތީ ކޯންޗެއް ކަމެއް މި ގެންދާނީ ކިހިނެތް ކަމެއް މި ދެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ. ދެން ހުރީ ފިނޭންސް މިނިސްޓަރު. ފިނޭންސް މިނިސްޓަރު މި ބަޖެޓް ހެއްދެވީ އައުޓްސޯސް ކޮށްގެން. އެހެން ބަޔަކާއި ހަވާލުކޮށްގެން. މިއީ އެމަނިކުފާނު ހެއްދެވި އެއްޗެއް ނޫން. ހުދު އެމަނިކުފާނަށްވެސް އެނގިވަޑައިނުގަންނަވާނެ މި ބަޖެޓްގައި ހުރި އަދަދުތަކަކީ ކިހިނެތް އައިސްފައި ހުރި އަދަދުތަކެއް ކަމެއް. މިއީ މަކަރުވެރި ހީލަތްތެރި ބަޔަކު ހަދާފައި އޮތް ބަޖެޓެއް
އަހުމަދު ސަލީމް | ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު

ސަލީމް ވިދާޅުވީ ދަރަނި އިތުރުވުމުން އެކަމުގެ ހުރިހާ ގެއްލުމެއް އޮތީ ރައްޔިތުންނަށް ކަމަށެވެ. ތަކެތީގެ އަގު ބޮޑުވެ ޑޮލަރުގެ ކަޅު ބާޒާރު އުފެދިގެން ބޮޑުވެފައިވަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2022 ގެ ބަޖެޓް އިދިކޮޅު ކޯލިޝަނުން ގަބޫލު ނުކުރާ ކަމަށެވެ. އަދި ބަޖެޓުން މިހާރުން މިހާރަށްވެސް 20 ޕަސެންޓް އުނިކުރަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފިނަމަ ދިވެހީން ދެން ކުރިމަތިލާ ރޯދަ މަސް ވެގެންދާނީ އެންމެ ދަތީގައި އުޅެން ޖެހޭ ރޯދަ މަހަށް ކަމަށް ސަލީމް ވިދާޅުވިއެވެ.