ރާއްޖެ ކުޅިވަރު

އަރާމުނުކޮށް ކުޅުންތެރިން މަޖާކުރާ ވަގުތުގިނަ: ޝަކީބް

ފުޓްބޯޅަ ކުޅުންތެރިން އަރާމުނުކޮށް މަޖާކުރަން ގިނަ ވަގުތުތަކެއް ބޭކާރު ކުރާ ކަމަށް ގައުމީ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބު ބުނެފި އެވެ.

އޭނާ މިހެން ބުނީ ރާއްޖޭގައި އޭނާ ނެތުމުން ފަރުވާ އަށް ކުޅުންތެރިން ދައްކަންޖެހެނީ އަންހެނުންގެ ނުވަތަ ކުޑަކުދިންގެ ޑޮކްޓަރަކަށް ކަމަށް ބުނެ އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ދެއްކި ވާހަކަ އަށް ރައްދު ދެމުންނެވެ.

ފާއިތުވެދިޔަ 17 އަހަރު ގައުމީ ޓީމުގެ ޑޮކްޓަރަކަށް އަދި ކުޅުންތެރިންނަށް ފަރުވާކުރުމުގައި ހޭދަކުރި ޝަކީބް ބުނީ އޭނާ ނެތަސް ކުޅުންތެރިން ޑޮކްޓަރަކަށް ދެއްކޭނެ އިންތިޒާމް ކުލަބުތަކުން ހަމަޖައްސަންޖެހޭނެ ކަމަށެވެ. އަދި އޮފް ސީޒަނުގައި ވެސް ކުޅުންތެރިން ފިޓްވާން މަސައްކަތްނުކުރާ ކަމަށާއި މިއީ ކުލަބުތަކުން ބާރު އަޅަންޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ވެސް ފެނިފައި އެބަހުރި ބައެއް ކުޅުންތެރިން ވަރަށް ދަންވަންދެން ހޭލާ އުޅޭތަން. ގިނަ ވަގުތު ހޭދަކުރަނީ މަޖަލުގައި. މިއީ ކުލަބުތަކުން ވެސް ވިސްނަންޖެހޭ ކަމެއް. ފުޓްބޯޅަ ކުޅުންތެރިން ފިޓްކޮށް ތިބެން ވިސްނަންޖެހޭ. އޮފް ސީޒަނުގައި ވެސް ފިޓްވާން ނުވަތަ ފިޓްކޮށް ތިބުމަށް ސަމާލުކަން ދެނީ ވަރަށް މަދު ކުޅުންތެރިއެއް،" ޝަކީބު ބުންޏެވެ.

ކުލަބުތަކުން ބަލަނީ އަބަދުވެސް ފަސޭހަގޮތް

އޭނާ ބުނީ ކުޅުންތެރިންނަށް ފަރުވާ ދިނުމަށް އޭނާ އަބަދުވެސް ހިދުމަތުގައި ހުންނަ ކަމަށެވެ.

"އެކަމަކު އަޅުގަނޑަކީ ސިވިލް ސާވިސް މުވައްޒަފެއް. އަސްލު އެގަޑީގައި އަޅުގަނޑު ބަލަންޖެހޭނީ. އެކަމަކު ކޮންމެ ކުޅިވަރެއްގެ ކުޅުންތެރިއަކު ނުވަތަ ކޮންމެ ކުލަބަކުން ބުންޏަސް އެބުނާ ވަގުތެއްގައި އަޅުގަނޑު ބަލައިދެން. އެކަމަކު އަޅުގަނޑު ވެސް ތަންތަނަށްދާން ވެސް ޖެހޭނެތާ. ހުސްވަގުތުވެސް ބޭނުންވާނެ. (މިދޭތެރެއިން ވެސް) އަޅުގަނޑު ރާއްޖޭން ބޭރުގައި ހުރީ އޭއެފްސީގެ ރެފްރެޝާ ކޯހެއްގައި. އެއީ އަޅުގަނޑުގެ އަމިއްލަ ދަތުރެއްނޫން. އޭގެ ސަބަބުން ފައިދާ ކުރާނީ ވެސް ކުޅުންތެރިންނަށް،" ޝަކީބު ބުންޏެވެ.

ކުޅުންތެރިންނަށް ފަރުވާދީގެން ކުޅިވަރުގެ ރޮނގުން ގައުމީ އިނާމް ވެސް ހޯއްދަވާފައިވާ ޑޮކްޓަރު ބުނީ އޭނާ ނެތިގެން ކުޅުންތެރިން ޑޮކްޓަރަކަށް ނުދެއްކޭ ވާހަކަ ކުލަބުތަކުން ދެއްކުމަކީ ވެސް ޒިންމާދާރު ވާހަކައެއްނޫން ކަމަށެވެ.

"މިވާގޮތަކީ ފަސޭހަގޮތް ފަސޭހަކޮށްލަނީ. އަޅުގަނޑަށް ދައްކާކަށް މެމޯ ހައްދާކަށް ނުޖެހޭ. ހޮސްޕިޓަލަށް ދިޔައިމަ މެމޯ ހައްދަންޖެހޭނެ. މިއީ ތަފާތަކީ. އެކަން ނުކުރަންވެގެން ކުލަބުތަކުން ފަސޭހަކޮށްލަނީ. އެކަމަކު ކޮންމެ ކުލަބެއްގައި ވެސް ހުންނަންވެސް ޖެހޭ ކުޅުންތެރިންނަށް ފަރުވާކުރެވޭނެ މީހަކު. އެކަމަކު އެކަން ކުރަންވެގެން އަޅުގަނޑުމެން ހިންގާ ކޯސްތަކަށް ވެސް މީހުން ވެސް ނުލިބޭ. އަދި ވަރަށް މަދު މީހަކު ކުލަބުތަކުން ފެންނަނީ ވެސް. އެއީ ރަނގަޅު އާމްދަނީ އެއްވެސް ކުލަބުތަކުން އެމީހުންނަށް ނުލިބޭތީވެ. ކުލަބުތަކުން ފުދުންތެރިކަމާއި މެނޭޖްމަންޓް ވެސް ރަނގަޅުވެގެން މިކަންކަން ބަދަލު ކުރެވޭނީ،" ޝަކީބު ބުންޏެވެ.