ރައީސް މައުމޫން އަބްދުލްގައްޔޫމް

އައްސަދަށް އެކަށީގެންވާ ފިޔަވަޅު އަޅާ: މައުމޫން

ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އަށް އެކަށީގެންވާ ފިޔަވަޅެއް އެޅުމަށް ކުރީގެ ރައީސް އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021 ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި މެޗުގައި އަޑޭގެ ފަރާތުން ވަނީ ހުތުރު މަންޒަރެއް ފެނިފައެވެ. މެޗުގެ އެންމެ ފަހު ވަގުތު ކުޅެން އެރުވި އަޑޭ ވަނީ ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީއަށް ވަރަށް އަނިޔާވެރި ގޮތަކަށް ހަމަލާ ދީފައެވެ. އޭނާއަށް ހަމަލާދިނީ ބޯޅަވެސް ނެތިއެވެ.

މެޗުގެ 90 ވަނަ މިނެޓްގައި އަޑޭ ވަނީ އޭނާގެ އަތުން ސީޝެލްސްގެ ކެޕްޓަން ސްޓީވްއަށް ހަމަލާދީފައެވެ. އެއާއެކު އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ. އަޑޭގެ މި އަމަލު ދިވެހިން ވަރަށް ބޮޑަށް ކުށްވެރި ކުރިއެވެ. އަދި މުބާރާތުގެ އެއްވެސް މެޗަކުން މޮޅުނުވެ ހުތުރު ގޮތަކަށް ރާއްޖެ އަލްވަދާއު ކުރަން ޖެހުމުން ދިވެހި ސަޕޯޓަރުން ތިބީ މާޔޫސްވެފައެވެ.

އަޑޭ ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ވަރަށް ބޮޑަށް ވައިރަލް ވެފައިވާއިރު މީހަކު ޓްވިޓާގައި އާންމުކުރި ވީޑިއޯއަށް ރައީސް މައުމޫން ވަނީ ކޮމެންޓެއް ކުރައްވާފައެވެ. މައުމޫންގެ ޓްވީޓްގައި ވިދާޅުވީ އަޑޭގެ ފަރާތުން ފެނުނީ ހަޑި އަދި ހުތުރު އަމަލެއް ކަމަށެވެ.

"އެކަށީގެންވާ ފިޔަވަޅު އަޅާ،" ކަންބޮޑުވުން ފާޅުކުރައްވާ މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީއަށް އަޑޭ ހަމަލާ ދީފައިވަނީ އޭނާ ކުޅެން އެރުވިތާ ތިރީސް ސިކުންތުވެސް ނުވަހީނެވެ. އަހުލާގީ މައްސަލަތަކެއް މީގެ ކުރީންވެސް ފެންމަތިވި އަޑޭގެ އިތުރު މައްސަލައެއްވެސް މި ދުވަސްވަރު ގަދަވެފައިވެއެވެ. އެއީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް އޮތް އަދި ބޮޑެތި ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ފުރުވާލުމަށް އޭނާ ޖާމިނުވި މައްސަލައެވެ. އެ މައްސަލާގައި އޭނާއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެތައް ބަޔަކު ގަބޫލުކުރާއިރު އެކަމުގައި ސަރުކާރު ދަނީ ފަހަތަށް ޖެހެމުންނެވެ.