އެމްޑީޕީ

ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމު ކޮށްދީފި: އެމްޑީޕީ

Nov 17, 2021

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ތިން އަހަރުގައި ޑިމޮކްރަސީއާއި ގާނޫނުގެ ވެރިކަމަށް އަހުމިއްޔަތުކަން ދިނުމާ އެކު، ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުކޮށްދީފައިވާ ކަމަށް ވެރިކަން ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނެފި އެވެ.

ސަރުކާރަށް ތިން އަހަރުވުމާ ގުޅިގެން މަރުހަބާ ކިޔުމުގެ ގޮތުން އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި މިސަރުކާރުން ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދީފައިވާ ކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ ސަރުކާރުތަކުން ރައްޔިތުންނަށް ބިރުދެއްކުމާއި އަނިޔާވެރިކަން އިސްކޮށްގެން ކޮށްފައިވާ ކަންކަން މިދިޔަ ތިން އަހަރުގެ ތެރޭގައި ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމުކޮށްދީ، ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އެޅި މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް އާ ފަނޑިޔާރުންގެ ބެންޗެއް ނަންގަވައި ޝަރުއީ ދާއިރާ އަށް ހެޔޮބަދަލެއް ގެނެސްދީފައިވާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށް ނުފޫޒުފޯރުވުމުގެ ސަގާފަތް ބަދަލުކޮށް މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މަސައްކަތްކުރުމަށް މިސަރުކާރުން ފުރުސަތު ދީފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

"ސިޔާސީ ޙަރަކާތްތަކަށާއި މީޑިއާގެ މިނިވަންކަމަށް ޖާގަދެވި، އެކަންކަން ކަށަވަރުކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރެވެ އެވެ. ހަމައެފަދައިން ރައްޔިތުން ބާރުވެރިކުރުވުމަށާއި ލާމަރުކަޒު ކުރުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް މި ތިން އަހަރުގެ ތެރޭގައި ގެންނަވާފައިވެ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

މިވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުމާއި، އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ލިބިވަޑައިގަތުމަކީ ފަހުރެއް ކަމަށްވެސް ސިފަކުރައްވާފައިވެ އެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއާއި ބައިނަލްއަގްވާމީ ދުނިޔެއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުން ގޮސްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ ކޮވިޑް-19ގެ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތަކާއި މަޝްރޫއުތައް ސަރުކާރުން ބާރަށް ކުރިއަށް ގެންގޮސްފައިވުމަކީ ޕާޓީން ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. މިސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރައްޔިތުންގެ އުއްމީދުތަކާ އެއްމިންވަރަށް ކަންކަން ހާސިލްކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ އެ ޕާޓީގެ ވެރިކަމަކާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބުކުރެއްވުނީ އޭރު އޮތް ހުދުމުހުތާރު ވެރިކަން ބަލިކުރުމަށް ރައީސް ސޯލިހު ގެންގުޅުއްވި ރަނގަޅު ތަސައްވުރެއްގެ ސަބަބުން ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"އެފަދަ ކާމިޔާބެއް މި ޕާޓީއަށާއި މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ރައްޔިތުން ދެއްވި މައިގަނޑު ސަބަބަކީ މި ޕާޓީންނާއި އެއިރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދުތަކާއި ގެންގުޅުއްވާ ތަސައްވަރުގެ ސަބަބުން ކަމަށް ދެކެމެވެ. އަދި އަނިޔާވެރިކަމާއި ހުދުމުހުތާރު ވެރިކަމުގެ ގޮތްތަކަކުން ރައްޔިތުން މިންޖުވުމަށް ނިންމެވި ނިންމެވުމެއްގެ ސަބަބުންކަމަށް ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.