ދައުލަތުގެ ބަޖެޓް

73 މިލިއަން ރުފިޔާ އިތުރުކޮށް ބަޖެޓް ފާސްކޮށްފި

Nov 18, 2021

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަށް 73.8 މިލިއަން ރުފިޔާ އިތުރުކޮށް ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ބަޖެޓް ފާސްކޮށްފި އެވެ.

ބަޖެޓަށް އިތުރުކުރީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 57.4 މިލިއަން ރުފިޔާ އާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި ރައްޔިތުންގެ މަޖިލީހަށާއި އަދި ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓަށް އިތުރުކުރި އަދަދާ އެކު ބަޖެޓުގެ މިހާރުގެ ޖުމްލަ އަދަދަކީ 36.99 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށް މެންބަރުން ވަނީ އެ އަދަދު ފާސްކޮށްފަ އެވެ. އަންނަ އަހަރުގެ ބަޖެޓުން ހަރަދުވާނީ 34 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ހުށަހެޅުއްވި ބަޖެޓުގައި ކަނޑައަޅާފައިވީ ނަމަވެސް މަޖިލީހުގެ ބަޖެޓަށް އިތުރުކުރި ފައިސާއާ އެކު ހަރަދުގެ ޖުމްލަ އަދަދުގެ ގޮތުގައި ފާސްކުރީ 34.10 ބިލިއަން ރުފިޔާ އެވެ.

ބައެއް އިދާރާތަކުގެ ބަޖެޓަށް އިތުރުކުރި އަދަދުތައް

ރައްޔިތުންގެ މަޖިލީހުގެ އިދާރާ - 7 މިލިއަން ރުފިޔާ
އޭސީސީ - 3.9 މިލިއަން ރުފިޔާ
އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީސް - 2.2 މިލިއަން ރުފިޔާ
ސިވިލް ސާވިސް ކޮމިޝަން - 1.69 މިލިއަން ރުފިޔާ
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ - 865،636 ރުފިޔާ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން - ފަސް ލައްކަ ރުފިޔާ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް 204،000 ރުފިޔާ
މިނިސްޓްރީ އޮފް ފިނޭންސުގެ ހާއްސަ ބަޖެޓް - 73،782 ރުފިޔާ

އަންނަ އަހަރަށް ހުށަހަޅާފައިވަނީ ބަޖެޓަކީ 9.7 ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތަ އެވެ.

އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓް ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފާ ކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސްކުރަންޖެހޭ 35.7 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު ހޯދަންޖެހޭ ފައިނޭންސިންގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާއިރު އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރާވާފަ އެވެ.

ބަޖެޓް ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ކޮމިޓީން ވަނީ މިމަހުގެ ނުވަވަނަ ދުވަހު ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި މިއަހަރުގެ ބަޖެޓާ ގުޅޭ 2.2 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފަ އެވެ. ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅުއްވީ މިއަހަރަށް މަޖިލީހުން ފާސްކުރި 34.9 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު އަހަރު ނިމޭއިރު 37.1 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ލަފާކުރައްވާތީ އެވެ.