ވިލުފުށި

ރާވާފައިވާ ގޮތަށް ވިލުފުށި އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނެ: ރައީސް

Nov 18, 2021

ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތަށް ތ. ވިލުފުށި އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ވިލުފުށި ކައުންސިލު މެންބަރުން އެމަނިކުފާނާ މިއަދު ބައްދަލުކުރައްވާ ވިލުފުށި އެއާޕޯޓާ ގުޅޭގޮތުން ސުވާލުކުރެއްވުމުންނެވެ.

ރައީސް ވިދާޅުވީ އެއާޕޯޓާއި، ބަނދަރު ފުންކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ މައުލޫމާތުވެސް ރައީސް ހިއްސާކުރެއްވި އެވެ.

ސަރުކާރުން ވަނީ ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އަޅާނެ ކަމަށް މިދިޔަ އަހަރުގެ ތެރޭގައި އިއުލާންކޮށްފަ އެވެ. އަދި އެ ރަށްތަކުގައި އަމިއްލަ ހަރަދުގައި އެއާޕޯޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން ބޭރުގެ ކުންފުނިތައް ހިމެނޭ ގޮތަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް ސަރުކާރުން ހާމަކޮށްފައިވެ އެވެ. ނަމަވެސް އޭގެފަހުން އެ ރަށްތަކުގެ އެއާޕޯޓް މަޝްރޫއުތަކާ ގުޅޭގޮތުން ސަރުކާރުން އެއްވެސް މައުލޫމާތެއް މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ.

ސަރުކާރުން މިދިޔަ އަހަރު އެއާޕޯޓް އަޅަން އިއުލާންކުރި ރަށްތަކުގެ ތެރޭގައި ނުހިމެނޭ ރަށެއް ކަމަށްވާ ރ. އަލިފުށީގައި އެއާޕޯޓެއް އެޅުމަށް ކުއްލި ގޮތަކަށް ނިންމުމަށްފަހު މިދިޔަ ސެޕްޓެމްބަރު އެއްވަނަ ދުވަހު ސަރުކާރުން ވަނީ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ވެސް އަލިފުށި އެއާޕޯޓަށް ފައިސާ ހިމަނާފައިވެ އެވެ. ނަމަވެސް މަކުނުދޫ، ބިލަތްފަހި، ތުޅާދޫ އަދި ތ. ވިލުފުށި އެއާޕޯޓަށް ބަޖެޓުގައި އެއްވެސް ފައިސާއެއް ހިމަނާފައެއް ނުވެ އެވެ.

ރައީސް ސޯލިހާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވިލުފުށީގެ ކައުންސިލަރުން ވަނީ އެރަށުގައި އަޅަން ހަމަޖެހިފައިވާ އެއާޕޯޓާއި ބަނދަރު ފުންކުރުމުގެ މަޝްރޫއުގެ އިތުރުން އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލާ ގުޅޭގޮތުންނާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި އަދި ތަފާތު ދާއިރާތަކުގެ ތަރައްގީއަށް އެރަށުގައި ކުރަން ހުރި ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

ކައުންސިލަރުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ރައީސް ސޯލިހު ވަނީ ކޯވިޑްގެ ހާލަތާއެކު ކުރިމަތިވި ބަޖެޓުގެ ދަތިކަމާއެކު ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހުނު ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ވިލުފުށީގެ ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާކަން ފާހަގަކުރައްވައި ކައުންސިލުން ފާހަގަކުރެއްވި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސް ހިއްސާކުރެއްވި އެވެ. އެގޮތުން އެރަށުގައި އަޅަން ހަމަޖެހިފައިވާ ހޮސްޕިޓަލްގެ ފަންޑިން އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.