ވިލުފުށި

ވިލުފުށީ ގެތައް ނިންމަން އަމީންއާ ހަވާލުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭންގެ ދަށުން ތ. ވިލުފުށީގައި އިމާރާތް ކުރަމުންދާ ގެތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފި އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު އެވެ. އަމީން އަށް ހަވާލުކޮށްފައިވާ މަސައްކަތަކީ ވިލިފުށީގައި އިމާރާތްކުރަމުންދާ 64 ހައުސިން ޔުނިޓް ނިންމުމާއި ޑިޒައިން އެންޑް ބިލްޑްގެ އުސޫލުން އަލަށް އިމާރާތްކުރާ 36 ހައުސިން ޔުނިޓްގެ މަސައްކަތެވެ.

މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން 82,138,268.57 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ތ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގައި ކުރިއަށްދާ މަޝްރޫތަކުގެ އެންމެ ފަހުގެ އަޕްޑޭޑް ކައުންސިލާއި ވަނީ ހިއްސާ ކުރައްވާފަ އެވެ. އަދި އެ އަތޮޅުގެ ރަށްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނު ކޮޅުމަޑުލުގެ ހަތް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކައުންސިލްތަކުން ރަށްތައް ތަރައްގީކުރުމުގައި ސަރުކާރުގެ ފަރާތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި އެކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަ ށެވެ.