ބޯހިޔާވަހިކަން

ކައުންސިލް ހައުސިންގެ ދަށުން ކުލި ނުދެއްކޭ ފަރާތްތަކަށް ސަރުކާރުން އެހީވަނީ

ސަރުކާރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން އަޅާ ކައުންސިލް ހައުސިންގެ ދަށުން ފްލެޓް ލިބޭ މީހުންގެ ތެރެއިން ކުލި ނުދެއްކޭ މީހުންނަށް ސަރުކާރުން ކުލި ސަބްސަޓައިޒް ކޮށްދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ސަރުކާރުގެ ހައުސިން މަޝްރޫގެ ދަށުން ފްލެޓް ލިބޭ، އެކަމަކު ކުލި ނުދެއްކޭ ފަރާތްތަކުގެ އަތުން ކުލި ނުނަގާނެ ކަމަށް ރައީސް ސޯލިހް ވަނީ ވައުދުވެވަޑައިގެންފަ އެވެ. މިކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ ކައުންސިލް ހައުސިން ނުވަތަ ސޯޝަލް ހައުސިންގެ ދަށުން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް ސަރުކާރުން ކުލި ދެއްކުމުގައި ލުޔެއް ހޯދައިދެއްވާނެ ކަމަށެވެ. އެގޮތުން އެ ކެޓަގަރީ ތަކުގައި ފްލެޓް ލިބޭނީ ވަކި އަދަދަަކަށް ވުރެ ދަށިން އާމްދަނީ ލިބޭ އަދި ހާއްސަ ހާލަތެއްގައި އުޅޭ ފަރާތްތަކަށް ކަމަށެވެ.

މިހާރު ސަރުކާރުން އިމާރާތް ކުރަމުންދާ އެޕޯލޯ ހައުސިންގެ ދަށުން ކައުންސިލް ހައުސިން އަށް ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ ކުލީގެ ޖުމްލަ އަދަދު ނުދެއްކޭ ނުވަތަ ކުލިން ބައެއް ނުދެއްކޭ ފަރާތްތަކަށް ސަބްސަޓައިޒް ކޮށްދޭނެ ކަމަށެވެ. ނުވަތަ ކުލި އެއްކޮށް މާފް ކޮށްދެއްވާނެ ކަމަށެވެ.

"އެކަން ކުރާނެ ގޮތްތަކެއް އަދި ނިންމާފައެއް ނުވޭ. ނަމަވެސް އެކަން ކުރާނީ ސަރުކާރުގެ ތެރެއިން،" މަބްރޫކް ވިދާޅުވި އެވެ.

ކުލި ސަބްސިޑައިޒް ކޮށްދޭ މަޝްރޫއެއްގެ މިސާލެއް ދައްކަވަމުން މަބްރޫކް ވިދާޅުވީ އެޕޯލޯ ހޯލްޑިންސް ކުންފުންޏާ ހަވާލުކޮށްގެން ސަރުކާރުން ހުޅުމާލޭގައި ކުރިއަށް ގެންދާ ބޯހިޔާވަހި ކަމުގެ މަޝްރޫއުގައި ހިމެނޭ ކައުންސިލް ހައުސިންގެ ކެޓަގަރީން 60 ފްލެޓު 5،500 ރުފިޔާ އަށް ކުއްޔަށް ދޭނެ ކަމަށެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ވެސް ކުރިއަށް ގެންދާ އެޕޯލޯ މަޝްރޫއުގެ ހައުސިން ޔުނިޓްތައް އަޅަނީ ތިން ކެޓެގެރީއަކަށް ބަހާލައިގެންނެވެ. އެއީ ކައުންސިލް ހައުސިން، މިޑްރޭންޖް ހައުސިން އަދި އެފޯޑަބަލް ހައުސިން އެވެ.

ސަރުކާރުން މަހަކަށް ލަފާ ކުރާ އަގުތައް

  • ކައުންސިލް ހައުސިން ކެޓެގަރީ (ދެ ކޮޓަރި): 5،500ރ.
  • ކައުންސިލް ހައުސިން ކެޓެގަރީ (ތިން ކޮޓަރި): 7،000ރ.
  • އެފޯޑަބަލް ހައުސިން ކެޓެގަރީ (ދެ ކޮޓަރި): 8،600ރ.
  • އެފޯޑަބަލް ހައުސިން ކެޓެގަރީ (ތިން ކޮޓަރި): 13،000ރ.
  • މިޑްރޭންޖް ހައުސިން ކެޓެގަރީ (ދެ ކޮޓަރި އަދި ތިން ކޮޓަރި): 2،400ރ. އަށް ވުރެ ބޮޑު ނޫން އަދަދެއް

މި މަޝްރޫއު 2023 ވަނަ އަހަރުގެ ކުރީކޮޅު ނިންމައިލެވޭނެ ކަމަށް ލަފާކޮށްފައިވާއިރު މި މަޝްރޫ އަކީ ޑިވެލޮޕާ ފައިނޭންސިންގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މި މަޝްރުއުގައި ކައުސިލް ހައުސިންގެ ދަށުން އަޅާނީ 120 ހައުސިން ޔުނިޓެވެ. މި ޔުނިޓްތަކުގައި ތަރައްގީކުރާ ދެ ކޮޓަރީގެ ފްލެޓްތަކުގައި ހުންނާނީ 650 އަކަފޫޓެވެ. ތިން ކޮޓަރީގެ ފްލެޓްތަކުގައި ހުންނާނީ 800 އަކަފޫޓެވެ. އެފޯޑަބަލް ހައުސިންގެ ދަށުން އަޅާނީ 220 ޔުނިޓެވެ. މި ކެޓަގަރީގެ ދެ ކޮޓަރީގެ ފްލެޓްތަކުގައި 650 އަކަފޫޓު ހުންނައިރު ތިން ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެ އެވެ. މީގެ އިތުރުން މިޑްރޭންޖް ކެޓެގަރީގެ ދަށުން އަޅާ ދެ ކޮޓަރީގެ ފްލެޓްތަކުގައި 750 އަކަފޫޓު ހުންނައިރު ތިން ކޮޓަރީގެ ފްލެޓްތަކުގައި 1000 އަކަފުޓޫ ހުންނާނެ އެވެ. މި ކެޓެގަރީގެ ދަށުން އަޅާނީ 660 ޔުނިޓެވެ.