ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބޭ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ލިޔެކިޔުންތައް ހުށަހަޅަން ހުޅުވާލި މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފްލެޓް ދޭނެކަމުގެ ލިޔުން ލިބި ފްލެޓް ހަވާލު ނުކުރާ މީހުނާއި، މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި މިހާތަނަށް ގޯތި ލިބިފައި ނުވާ މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފެށި އެވެ.
އޭރު ލިޔެކިޔުންތައް ހުށަހަޅަން މިނިސްޓްރީން އެންގި މުއްދަތު ހަމަވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރި ދުވަސްތަކުގައި ކަމުން، މިދިއަ މާޗް މަހު އެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
ނަމަވެސް، މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައުސިން މިނިސްޓްރީ އުވާލައްވައި، އެ މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައިވާތީ، ވެށިފަހި ލިޔުން ހުށަހަޅާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން، އެ ލިޔެކިޔުންތައް އަންނަ ބުދަ ދުވަހާ ހަމައަށް އިތުރުކުރެވިފައިކަމަށް ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ނުލިބުނު ފަރާތްތަކުން އައިޑީ ކާޑު ކޮޕީގެ އިތުރުން ފްލެޓް ދޭނެ ކަމަށް އެއްބަސްވެ ސަރުކާރުން ދީފައިވާ ލިޔެކިޔުންތަކާއި، ދޫކޮށްލަން އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން އަންގާފައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފެށި ވެށިފަހި މާލެ ޕްރޮގްރާމް ހުޅުވާލީ ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ބިން ނުވަތަ ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހީގެ އިތުރުން މާލެ މުނިސިޕަލްޓީގެ ދަފުތަރުގައި ރަޖިސްޓްރީވެފައި ތިބި މީހުނަށެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ ބައެއް މީހުނަށެވެ.
އޭގެ ފަހުން ގާތްގަނޑަކަށް 10 އަހަރު ވެގެން ދިޔައިރު އަދިވެސް ފްލެޓް ނުލިބޭ ފަރާތްތައް އެބަ އުޅެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ދިރިއުޅެމުން ދަނީ ކުލި ދައްކައިގެން ކުދިކުދި ތަންތަނުގައި ވަރަށް ހާލުގަ އެވެ. އެ ފަރާތްތަކަށް ގޮތެއް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާ ފައްޓަވަމުން ރައީސް ސޯލިހް ވިދާޅުވެފައި ވަނީ، ވެށިފަހި ޕްރަގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ މީހުންނަށް ވަރަށް އަވަހަށް ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.