ތ. ތިމަރަފުށީގައި ސަރުކާރުން ތަރައްގީ ކުރަމުން ގެންދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ނިންމާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
ޕްލޭނިން މިނިސްޓްރީގެ ސީނިއާ ކޮންޓްރެކްޓިން އޮފިސަރު މުހައްމަދު ޒަރީރު މިހެން ވިދާޅުވެފައިވަނީ ރައީސް ސޯލިހް ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިމަރަފުށީގެ ތަރައްގީއަށް ކުރިއަށް ގެންދާ ބައެއް މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމުގެ ތެރެއިން އެވެ.
ޒަރީރު ވިދާޅުވީ ތިމަރަފުށި ހައުސިން މަޝްރޫއުގެ ދަށުން އިމާރާތްކުރާ ގެތަކުގެ 32 ގެއެއްގެ މަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ. އެގެތައް ރާނާ ނިމި ހިޔާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ބާކީ ހުރި ގެތަކުގައި ކުރިއަށް ދަނީ ރޭނުމުގެ ބައެއް މަސައްކަތާއި ސިމެންތި ޖެހުމުގެ މަސައްކަތް ކަމަށާއި މި މަޝްރޫއު ކުރިއަށްދާ ގޮތަށް ބަލާއިރު ނޮވެމްބަރު މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. ކޮވިޑާއި ގުޅިގެން މަޝްރޫއަށް މަޑުޖެހުމެއް އައި ކަމަށާއި ނަމަވެސް މިހާރު ވަރަށް ބާރަށް މަސައްކަތް ކުރިއަށްދާ ކަންވެސް ފާހަގަކުރެއްވި އެވެ.
އާބާދީގައި 2,500 އަށް ވުރެ ގިނަ މީހުން އުޅޭ ތިމަރަފުށްޓަކީ 20 ހެކްޓަރުގެ ބިން އޮންނަ ރަށެކެވެ. އެ ރަށުގައި 100ގެ އަޅަން ސަރުކާރުން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނަށެވެ. ''
މި މަޝްރޫއު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. މި މަސައްކަތުގެ ދަށުން އިމާރާތްކުރާ ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާހަނާ އާއި ސިޓިން ރޫމާއި ލޯންޑްރީ އާއި ފްރަންޓް ޔާޑް ވެސް ހިމެނޭނެ އެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ދީފައިވާ މި މަޝްރޫގެ އަގަކީ 4.63 މިލިއަން ޑޮލަރެވެ.
މީގެ އިތުރުން ރައީސް ތިމަރަފުށްޓަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ ގޮތްވެސް ބައްލަވާލައްވާފަ އެވެ. އެ މަޝްރޫއަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއެކެވެ.
މިމަޝްރޫއު އެކުންފުންޏާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން މަޝްރޫއު މެނދުކެޑިފައި އޮތުމަށްފަހު އަލުން މި އަހަރު ވަނީ ފަށާފަ އެވެ.
މިމަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ތިމަރަފުށީގެ އަށް މަގެއްގައި ތާރުއަޅާ ރަނގަޅު ފެންވަރަކަށް ހެދުން ހިމެނެ އެވެ. އެގޮތުން ތިމަރަފުށީގައި ހެދުމަށް ހަމަޖެހިފައިވަނީ ހަތަރު ކިލޯމީޓަރުގެ މަގެވެ. މި މަޝްރޫގެ އަގަކީ 76.6 މިލިއަން ރުފިޔާ އެވެ.