ރައްޔިތުންގެ މަޖިލީހުގެ ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެމްޑީޕީއާއި އަލުން އަނބުރާ ގުޅިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދައުވަތު ދެއްވައިފި އެވެ.
ތ. ވިލުފުށީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އަފީފަކީ އެމަނިކުފާނު ވަރަށް އިހްތިރާމު ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާ އެމްޑިޕީއާއި ވަކިވުމަކީ އިތުރަށް ވިސްނަވަން ޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕާޓީގެ ތެރޭގައި އުފެދޭ ހަލަބޮލިކަމުގެ ތެރެއިން އެމްޑީޕީ ދޫކުރައްވާ އަފީފް ފަދަ ތަޖުރިބާކާރު ބޭފުޅަކު އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމަކީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އަދި އަލުން އަނބުރާ އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ރައީސް ވަނީ އަފީފަށް ދައުވަތު ދެއްވާފަ އެވެ.
"އަބަދުވެސް އެމްޑީޕީގައި އެ ބޭފުޅުންނަށް ޖާގަ އޮންނާނެ. ކުރީ ގޮނޑި ބަރިން ޖާގަ އޮންނާނެ. އެއީ ހިދުމަތް ކުރެއްވި ބޭފުޅުން. އަދި އެހެން ޕާޓީ އެތެރޭގައި ޖެހޭ ކުޑަކުޑަ ހިޔާލު ތަފާތުވުމެއްގެ ތެރޭގައި ދޫކޮށްލައިގެން ދާވަރު ބޭފުޅުންނެއް ނޫން އެއީ. އަޅުގަނޑު ދަންނަވާނީ ވަޑައިގަންނަވާށޭ. އަޅުގަނޑުމެންނާ އެކީގައޭ މުސްތަގުބަލް އޮތީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ސިއްހީ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ސިއްހީ ހާލަތު އެ ހާލަތަށް ދިޔައީ ކުރީގެ ސަރުކާރުތަކުން ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކޮށްފައި ނުވާތީ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުން އައިޖީއެމްއެޗް ކައިރީގައި ދެ ޓަވަރު ހިމެނޭ ގޮތަށް ބޮޑު ހޮސްޕިޓަލެއް އެޅުމަށް ނެގި ފައިސާ އިން އެންމެ ޓަވަރެއް އެޅުމަކީ ވަރަށް ބޮޑު މައްސަލަ އެއް ކަމަށެވެ. އަދި އެ ޓަވަރު އެޅުމަށްފަހު ބާކީވި ފައިސާއިން ސިއްހީ ދާއިރާއަށް ބޭނުންވެފައިވާ ކަންކަމަށް ހަރަދުކޮށްފައި ނުވުމަކީ ރައްޔިތުންނަށް ވަރަށް ބޮޑު ދެރައެއް ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑު ނުދަންނަވަން އައިޖީއެމްއެޗް ކައިރީ އަޅާފައި ހުރި އެ އުސް ޓަވަރު އެއީ ބޭނުން ނެތް އެއްޗެކޭ. އެހެންނަމަވެސް ދެ ޓަވަރު އަޅަން ނެގި ފައިސާ އިން އެއް ޓަވަރު އެޅުން އެއީ މައްސަލައެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ފަހަރާ މަސައްކަތްތަކެއް ކުރަން ޖެހުމުން ބައެއް މަސައްކަތްތައް ކުރުމުގައި ކުޑަކޮށް ލަސްތަކެއް އުޅެދާނެ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ގެންދަވާކަން ފާހަގަކުރެއްވި އެވެ.
ސިއްހީ ދާއިރއަށް އެކަނި ބެލިކަމުގައި ވިޔަސް ވައުދު ފުއްދުމަށް ސަރުކާރުން މަސައްކަތް ކުރާކަން ރައްޔިތުންނަށް އެނގޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން އެމަނިކުފާނު ވެރިކަމަށް އައުމަށް ފަހު 127 ރަށަށް އެމްބިއުލާންސް ފޮނުވާފައިވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ ސިއްހީ ހާލަތު ރާއްޖޭގެ ރަށްތަކުގައި އޮތް ވަރު. ދެން ކޮންވާހަކައެއް ދައްކަންތޯ؟ ސިއްހީ ދާއިރާއަށް މާބޮޑު މަސައްކަތެއް ކޮށްދިނޭ ކިޔާފައި،" އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވާ އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރިހާ ރައްޔިތުންނަށްވެސް ތަފާތު ކުރުމެއްނެތި ސިއްހީ ހިދުމަތް ފޯރުކޮށްދޭނެ ކަމުުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް 12 ދުުވަހަށް ވެފައިވާއިރު ވޯޓުލުމުގައި ނިންމާ ނިންމުމަކީ ރައްޔިތުން ވަރަށް ވިސްނުންތެރިކަމާއެކު ނިންމަން ޖެހޭ ނިންމުމެއް ކަމަށެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ބޭފުޅަކު ކުރިމަތިލައްވާއިރު، އެ ބޭފުޅުންގެ ތެރެއިން ރައްޔިތުންނަށް ތަޖުރިބާ ނުކުރެވެނީ ވަރަށް މަދު ބޭފުޅުންތަކެއް ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
"މީގެތެރޭގައި ވެރިކަމުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރެއްވި ބޭފުޅުން އެބަތިބި. ސިޔާސީ މައިދާނުގައި އަޅުގަނޑުމެން ކުރިމަތީގައި އެގޮތް މި ގޮތަށް ފެނުނު އެތައް ބޭފުޅަކު އެބަތިބި،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްރަށުގައި އަދިވެސް ކުރަން ޖެހިފައި ހުރި ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށާއި އެކަންކަން ކުރެވޭނީ ފުދުންތެރިވެގެން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މަސައްކަތްތައް ޕްލޭނެއްގެ ތެރެއިން ކުރަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސްގެ ވިލުފުށީގެ ވައުދުތައް
- ބަނދަރު އަލުން ހަދައިދިނުން
- ތާރު ނާޅާ ހުރި މަގުތަކުގައި ތާރު އަޅައިދިނުން
- ހޮސްޕިޓަލް އަޅައި ނިމްނެ ދެން ކުޑަކުދިންގެ ޑޮކްޓަރަކާއި އަންހެނުންގެ ޑޮކްޓަރެއް އެ ރަށަށް ފޮނުވަދިނުން
ވިލުފުއްޓަކީ މިހާތަނަށް ރައީސްގެ ކެމްޕޭނު ދަތުރުތަކުގެ ތެރެއިން ރައީސް ވަޑައިގަންނަވާ 112 ވަނަ ރަށެވެ.