ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރަކު ވިހެއުމުން ޗުއްޓީ ލިބޭ އިސްލާހު މަޖިލީހަށް

Nov 22, 2021
2

ފަނޑިޔާރަކު ވިހެއުމުން ޗުއްޓީ ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި ބިލް މަޖިލީހަށް ތައާރަފްކޮށް މިއަދުގެ ޖަލްސާގައި ވަނީ ބިލްގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

އިސްލާހު ހުށަހަޅާފައިވަނީ ފަނޑިޔާރަކު ވިހައިފިނަމަ ހަ މަހުގެ ޗުއްޓީއެއް ލިބޭ ގޮތަށެވެ. އަދި ފަނޑިޔާރެއްގެ އަންހެނުން ވިހައިފިނަމަ ފިރިހެން ފަނޑިޔާރުންނަށް ވެސް އެއް މަހުގެ ޗުއްޓީއެއް ލިބޭ ގޮތަށެވެ.

ފަނޑިޔާރަކު ވިހެއުމުން ޗުއްޓީ ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން ހުށަހަޅާފައި މިވަނީ އެގޮތަށް ގާނޫނު އިސްލާހު ކޮށްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަންޑާރަނައިބުގެ އޮފީހުގައި އެދިފައި ވަނިކޮށެވެ.

ސިވިލް ސާވިސްގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ދައުލަތުގެ ބައެއް އެހެން އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފަކު ވިހައިފިނަމަ އެ މުވައްޒަފަކަށް ހަމަސް އަދި ފިރިމީހާއަށް އެއް މަހުގެ ޗުއްޓީއެއް ލިބޭ ގޮތަށް އަމަލުކުރަން ފެށީ މާޗް، 2019 ގައެވެ.