ބޮލީވުޑް

ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކުރީ ކީއްވެ؟

ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް އާއި ފިރިމީހާގެ ކައިވެނީގައި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްޅާ ދޮގު ކޮށްފި އެވެ.

"އެއީ ހުސް ދޮގު ވާހަކަ. ތިކަހަލަ ދޮގު ވާހަކަތައް ނުފަތުރާ،" ނޫސްވެރިން ކައިރީ މަދޫ ބުންޏެވެ.

މި ވާހަކަތައް ދެކެވެން ފެށީ ޕްރިޔަންކާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި އޭނާ ބޭނުން ކުރަމުން އައި "ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް" ގެ ނަން ހަމައެކަނި ޕްރިޔަންކާ އަށް ބަދަލު ކުރުމުންނެވެ. މިގޮތަށް ބަދަލު ކުރިތަން ފެނުމާއެކު ޕްރިޔަންކާގެ ފޭނުންތައް ދެރަވެ، ހާސްވެގެން މިއީ ކިހިނެއްވީ ކަމެއްތޯ ސުވާލު ކުރަން ފެށި އެވެ. އަދި ޕްރިޔަންކާ އާއި ޖޯނަސްގެ މެދުގައި މައްސަލަ ޖެހި ފިރިމީހާގެ ނަން އޭނާގެ ނަމުން އުނި ކުރިކަމަށް ވެސް މީހުން ކިޔަން ފެށި އެވެ.

ޕްރިޔަންކާ އާއި ނިކް ޖޯނަސް ކައިވެނިކުރީ 2018 ގައެވެ. ޕްރިޔަންކާ އާއި ޖޯނަސް ބައްދަލުވީ ހޮލީވުޑް ޝޯތަކެއްގައި އެކްޓް ކުރަން ޕްރިޔަންކާ އެމެރިކާއަށް ގޮސް އުޅުމުގެ ތެރޭގަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޕްރިޔަންކާ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ އޭނާގެ އަތުގައިވާ އެންމެ އަގުހުރި ގަހަނާއަކީ ނިކް ޖޯނަސް ދީފައިވާ އެންގޭޖްމެންޓް އަނގޮޓި ކަމަށެވެ. މި ދެ މީހުން އެންގޭޖްވީ ރަސްމިއްޔާތުގައި ޕްރިޔަންކާގެ އިނގިލީގައި ނިކް ޖޯނަސް އެޅުވި މި އަނގޮޓީގެ އަގަކީ 2،00،000 ޔޫއެސް ޑޮލަރެވެ. އަދި ފަހުން އެމީހުން ވަނީ އިންޑިޔާއަށް އައިސް ހިންދޫ ސަގާފަތާ އެއްގޮތަށް ވަރަށް ކުލަގަދަކޮށް ކައިވެނީގެ ރަސްމިއްޔާތު ބާއްވާފަ އެވެ.

މިހާރު މި ކައިވެންޏަށް ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ނިކް އާއި ޕްރިޔަންކާ ދަނީ އެމީހުން އެކަކު އަނެކަކު ދެކެ ވާ ލޯތްބާއި އެމީހުންގެ ކައިވެނީގެ ބާއްޖަވެރިކަން އެންމެންނަށް ދައްކަން އެމީހުންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފޮޓޯތަކާއި މެސެޖުތައް ޝެއާ ކުރަމުންނެވެ.

ނަމަވެސް ކުއްލިއަކަސް ޕްރިޔަންކާގެ ނަމުން ފަހަތުން ޖޯނަސް ކަނޑާލި ސަބަބެއް އަދި ނޭނގެ އެވެ.