ބޮލީވުޑް

ރަނގަޅު ފިރިއަކަށް ނުވެވިދާނެތީ ނިކް ޖޯނަސް ބިރުގަނޭ!

ޖޯނަސް ބްރަދާސްގެ އާ މިނީ ސީރީޒް "މޫމެންޓްސް ބިޓްވީން ދަ މޫމެންޓްސް"ގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވީ ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސް އެވެ. ޝޯގައި ވާހަކަ ދައްކަމުން ނިކް ހާމަކުރި ގޮތުގައި އޭނާ އެންމެ ބިރުގަންނަނީ ރަނގަޅު ފިރިއަކަށް، ބޭބެއަކަށް، ދަރިއަކަށް ނުވެވިދާނެތީ އެވެ.


"އަހަރެން ވަރަށް ބިރުގަނޭ އަހަންނަށް ރަނގަޅު ފިރިއަކަށް، ރަނގަޅު ބޭބެއަކަށް، ރަނގަޅު ދަރިއަކަށް ނުވެވިދާނެތީ. އަހަރެންނަށް އެންމެ މުހިއްމީ އަހަރެންގެ އާއިލާ އަދި އެމީހުންނާ ދޭތެރޭ އަހަރެން ކަންތައް ކުރާ ގޮތް. އެމީހުންނަށް ލޯތްބާއި އިހުތިރާމް އަހަރެން ދޭ ގޮތް. އަހަރެމެންގެ އާއިލާގެ މީހުން ލޯތްބާއި އިހުތިރާމް ދީ އުޅޭގޮތް އެނގެއެއްނު،" ބޭބެއާ މުޚާތަބުކޮށް ނިކް ބުންޏެވެ.

ނިކް މި ވާހަކަތައް ދައްކާ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވުމާއެކު ގިނަ ބަޔަކު ވަނީ މި ވީޑީއޯއަށް ކޮމެންޓް ކޮށްފަ އެވެ. ކޮމެންޓްކުރި މީހުން ބުނެފައިވަނީ ނިކް އަކީ ވަރަށް ރަނގަޅު ފިރިއެއް ކަމަށެވެ. އަދި ނިކް ކަހަލަ ލޯބި ފިރިއަކު ލިބުމަކީ ޕްރިޔަންކާގެ ނަސީބުކަމަށެވެ. ނިކް އަކީ އެހެން މީހުންނާ ދޭތެރޭ ވިސްނާ، ކަންބޮޑުވާ އަދި ވަރަށް ސެންސިޓިވް މީހެއް ކަމަށް ވެސް ބައެއް ކޮމެންޓްތަކުގައި ބުނެފައި ވެއެވެ.

ޕްރިޔަންކާ އާއި ނިކް ވަނީ އެމީހުންގެ ކައިވެންޏަށް ތިން އަހަރު ފުރުމުގެ މުނާސަބާ މި މަހުގެ ކުރީކޮޅު ފާހަގަ ކޮށްފަ އެވެ. ކެންޑްލް ލައިޓް ޑިނާ އަކަށް ދެ މީހުން އިންސާފުކުރަމުންދިޔައިރު ފަހަތުން "އަބަދަށްޓަކައި" ޖަހާފައިވާ ލިޔުމެއް ދިއްލާފައި ހުއްޓެވެ. އަދި މުޅި ތަން ޒީނަތްތެރިކޮށްފައި ހުރީ ފިނިފެންމަލުގެ ފިޔައިންނެވެ.