ބޮލީވުޑް

ފުރަތަަމަ ފިލްމު ނުކުޅެވުނީ ޕްރިޔަންކާ އެއްބަސް ނުވެގެން: ރަޖްނީޝް

ފުރަތަމަ ފިލްމު ޕްރިޔަންކާ ޗޯޕްރާއާ އެކު ނުކުޅެވުނީ އޭނާއަކީ ފިލްމީ ދާއިރާއަށް އާ މީހަކަށް ވާތީ އޭނާއާ އެކު ފިލްމު ކުޅެން ޕްރިޔަންކާ ބޭނުން ނުވުމުން ކަމަށް ރަޖްނީޝް ދުގަލް ބުނެފި އެވެ.

ރަޖްނީޝް ބޮލީވުޑަށް ފުރަތަމަ ތައާރަފްވީ 2008 ވަނަ އަހަރު ނެރުނު ބިރުވެރި ފިލްމު "1920" ގައި ކުޅުނު ރޯލުންނެވެ. އެކަމަކު މި ފިލްމުގެ ކުރިން 2005 ވަަނަ އަހަރު "ޔަކީން" ކިޔާ ފިލްމެއްގައި ޕްރިޔަންކާއާ އެކީ މަސައްކަތް ކުރަން ފުރުސަތު ލިބުނު ކަމަށް ބުންޏެވެ. ނަމަވެސް އެ ފިލްމުން އޭނާއަށް ފުރުސަތު ގެއްލުނީ ޕްރިޔަންކާ އޭނާއާ އެކު އެ ފިލްމު ކުޅެން ބޭނުން ނުވުމުން ކަމަށްވެސް ބުންޏެވެ.

"އަހަރެންގެ ފުަރަތަމަ ޗޮއިސް އަކަށްވީ ޔަކީން. އަހަރެން އިނީ ފިލްމަށް ސޮއިކޮށްފައި. އަހަރެން ދިޔައީވެސް އެ ފިލްމުގައި މަސައްކަތްކުރަމުން،" ރަޖްނީޝް ބުންޏެވެ.

އޭނާ ބުނީ ޔަކީންގެ ޕްރޮޑިއުސަރު އޭނާއަށް ވަރަށް ބޮޑަށް އިންވެސްޓުކޮށް ތިން ފިލްމެއްގެ ޑީލް ހެދި ކަމަށެވެ. ފަސް މަހުގެ ތެރޭގައި މުޅި ފިލްމުގެ މަސައްކަތް އެއްކޮށް ނިންމަން އޭރު ތައްޔާރުވި ނަމަވެސް އެ މަސައްކަތް ފެނަށް ދިޔައީ ޕްރިޔަންކާ އެއްބަސްނުވުމުން ކަމަށްވެސް ބުންޏެވެ.

ރަޖްނީޝް މިކަމާ ހިތްހަމަނުޖެހުނު ކަމުގައިވީ ނަމަވެސް އެ ނިންމުން ބޮޑަށް ބިނާވަނީ ޕްރިޔަންކާގެ މެނޭޖަރު ނިންމި ނިންމުމަކަށް ކަމަށްވެސް ބުންޏެވެ.